މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ނިންމުމުގެ ޖަލްސާ އައްޑޫ ސިޓީގައި ބާއްވަން ހަމަޖައްސައިފިއެވެ.
ރައީސް ޞާލިޙްގެ ކެމްޕޭން ޓީމުން ބުނީ ކެމްޕޭން ނިންމާ ޖަލްސާ އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެރޭ 20:30 ގައި އައްޑޫ ސިޓީގެ ހިތަދޫ ސްޓޭޖް ސަރަހައްދުގައި ކަމަށެވެ.
ރައީސް ޞާލިޙް ވަނީ މި މަހުގެ 13 އިން 15 އަށް ވެސް އައްޑޫ ސިޓީގައި ކެމްޕޭން ކުރައްވައިފައެވެ.
އެ މަނިކުފާނު މިއަދު ވަނީ މާލެ އަތޮޅު ގުރައިދުއަށާއި ކާށިދޫއަށް ވަޑައިގެންފައެވެ. މީގެއިތުރުން މިއަދު ތޮއްޑުއަށް ވެސް ވަޑައިގަންނަވާނެވެ.
ހަމައެއާއެކު މާދަމާ އެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާނެއެވެ. އެއަށްފަހު މާލެ ވަޑައިގަންނަވާނީ މާދަމާރޭގައެވެ.