ގެސްޓުހައުސް ވިޔަފާރި ރާއްޖޭގައި ފެށީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ނޫންކަމަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނަށް މިއަދު ކ.ގުރައިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެސް ގެސްޓުހައުސް ވިޔަފާރި ފުޅާކުރަން ކޮންމެވެސް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް ހަމައެކަނި މާލޭގައި ގެސްޓުހައުސް ހިންގޭ ގޮތަށް އޮތް ނިންމުމަށް ބަދަލު ގެނައީ އޭގެކުރިން ކަމަށް ރައީސް ވިދާޅުވިއެވެ.
”ކުރީގަ ރަށްރަށުގަ ގެސްޓުހައުސް ހެދުމަކީ މަނާކަމެއް. ހަމައެކަނި މާލޭގަ ނޫނިއްޔާ ހެދޭ ގޮތަކަށް ނޫން އޮތީ. އެއަށްފަހުގައި ރަށްރަށުގައި ގެސްޓުހައުސް ހެދޭނެ ގޮތަށް އެ ބަދަލު ގެނައީ ކޮންއިރަކު ކޮންބައެއްތޯ. މި ވެސް ވިސްނަންޖެހޭ ކަމެއް. ތެދެއް އަޅުގަނޑުމެންގެ ކުރީގެ ވެރިކަމުގެތެރޭގައި އެބަހުރި މަސައްކަތްތަކެއް ކުރެވިފަ. އެހެންނަމަވެސް ކުރިން ސަރުކާރުން ނިންމާފަ އޮތް އެ ނިންމުން ބަދަލުކުރީ އެމްޑީޕީގެ ފުރަތަމ ވެރިކަން އައުމުގެ ކުރިން މަޖިލިސް ތެރެއިން. ސަރުކާރަށް ލާޒިމްކުރާ ގަރާރެއް މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު.“
އޭރު މަޖިލީހުގައި މޫސާ މަނިކު (ރީކޯ) އާއި މިހާރުގެ ފޮރިން މިނިސްޓަރު ޝާހިދާއި، މިހާރުގެ ޑިފެންސް މިިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި އެ މަނިކުފާނު ހުންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ގަރާރު ފާސްވީ އެއްފަހަރަށްވުރެ ގިނަ ފަހަރު މަޖިލީހަށް ހުށަހަޅައިގެންނެވެ.