އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ގެންގުޅުއްވަނީ އެ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށާއި, އެއާ ކައިރި ނުވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.
ރިޔާސީ ކެމްޕޭނަށް މިއަދު ކ.ގުރައިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ޖަޒީރާ ރާއްޖެއެއް ތަރައްޤީކުރުން ކަމަށާއި ވަކިވަކި ރަށްތައް ތަރައްޤީކުރުން ކަމަށެވެ. އެ ގޮތުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީގެން ނޫނީ އިގުތިސާދެއް ބިނާއެއް ނުކުރެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
”އެހެންނަމަވެސް ޕާޓީގެ މި މުހިންމު ސިޔާސަތު އެއީ ކަމުނުދާ ސިޔާސަތެއް ކަމަށް ފެންނަ ބައެއް ބޭފުޅުން ޕާޓީގެތެރޭގަ އެބަތިބި. ކުދި ރަށްރަށުގައި ދިރިއުޅޭ އާބާދީތަކަށް އަޅުގަނޑުމެން މި ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް އެއީ ބޭކާރު ޚަރަދެއްކަމަށް ބައެއް ބޭފުޅުންނަށް އެބަ ގަބޫލުކުރެވޭ. އެ ވާހަކަތައް އެބަ ދައްކަވާ. އެހެންވީމާ ވިސްނަންވީ ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމުގައި ކޮންބައެއްތޯ ނުކުމެ މި ތިބީ.“ ރައީސް ނަޝީދަށް އަމާޒު ކުރައްވައި ރައީސް ޞާލިޙް ވިދާޅުވިއެވެ.
އަބަދުވެސް އެމްޑީޕީން ވަކާލާތު ކުރަމުންއައީ ޖަޒީރާ ރާއްޖެއެއް ތަރައްޤީ ކުރުމަށް ކަމަށާއި އެކަމާ ދެކޮޅަށް މިއަދު ވާހަކަ ދައްކާ ދެއްކުމަކީ އޭގެ ފަހަތުގައި ވަކި މަގުސަދެއް އޮވެގެން ކުރާ ކަމަކަށް ވެދާނެ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
”އެ ބޭފުޅުން [ރައީސް ނަޝީދު] … އެއާ ކައިރިވެވަޑައިނުގަންނަވައްޗެ. އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން.“ ނަޝީދުގެ ނަން ނުގެންނަވައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު އާދެވިފައި އޮތް ހިސާބުން ފަހަތަށް ދާނީތޯ ނޫނީ ކުރިއަށްދާނީތޯ ވިސްނައިލަންޖެހޭ ކަމަށެވެ.