އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެވިފައިވާ ކަމަށާއި މިހާރު ވިސްނުން ހުރީ ރިޔާސީ އިންތިޚާބަށް ކަމުގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާލޭގައި ވޯޓުލާ މެންބަރުންނާއި ކެމްޕޭނާ އަލަށް ގުޅުނު މީހުންނާ ބައްދަލު ކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ މިހާރު ވިސްނުން ހުރީ އަންނަ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިޚާބަށް ކަމަށާއި ރަނގަޅު ވިސްނުމެއް ބަހައްޓައިގެން މަސައްކަތް ކުރަންޖެހޭ ކަމުގައެވެ.
”ޕްރައިމަރީ އަޅުގަނޑު ދެކެނީ އަޅުގަނޑުމެންނަށް މިއޮތީ ކާމިޔާބު ކުރެވިފައި. އަޅުގަނޑު މިހާރު ވިސްނަނީ ސެޕްޓެމްބަރު 09 ގައި އަޅުގަނޑުމެނ މަސައްކަތް ކުރާނެ ގޮތް. އެކަމަށް ރަނގަޅު ވިސްނުމެއް ބަހައްޓައިގެން ނޫނިއްޔާ ކުރިއަށް މި އޮތް ހަފުތާތަކުގައި ވެސް މަސައްކަތްކޮށްގެން ނުވާނެ.“
”އަޅުގަނޑުމެންގެ ޕާޓީ މިއޮތީ ވަރަށް ބޮޑަށް އިންތިޚާބުގެ މޯޑަށް އިންތިޚާބުގެ ގިއަރަށް އައިސްފައި. ދެން މި ހުއްޓުވޭނެ ގޮތެއް އަޅުގަނޑަކަށް ނުފެނޭ.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ފަސޭހަވާނެއެވެ. ވިދާޅުވީ ކުރެއްވި ދަތުރުފުޅުތަކުން އެކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ.