ނަމުން ސިޓީ އެއްގެ ދަރަޖަ ދޭން ވަޢުދުވެ ރައްޔިތުން ހެއްލުމަކީ ސަރުކާރުން ކޮށްގެންވާނެ ކަމެއް ނޫންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ދަނގެތީ ދާއިރާގެ މެންބަރު ނާޒިމް މިހެން ވިދާޅުވެފައި މިވަނީ ގދ.ތިނަދޫ ސިޓީއެއްގެ ގޮތުގައި ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ނާޒިމް ވިދާޅުވީ ނަމުން ސިޓީ އެއްގެ ދަރަޖަ ދޭން ވަޢުދުވެ; އަސާސީ ޚިދުމަތްތަކަށް ސަލާން ޖަހާ ރައްޔިތަކު ހެއްލުމަކީ ސަރުކާރުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާރު ވެސް ރާއްޖޭގައި ސިޓީއެެއްގެ ދަރަޖަ ދީފައިވާ ތަންތަން އެއީ ލިވަބަލް ތަންތަނެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ސިޓީއެެއްގެ ދަރަޖަ ދީފައިވަނީ މާލޭގެ އިތުރުން އައްޑުއާއި ފުވައްމުލަކާއި ކުޅުދުށްފުށްޓަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ދާދިފަހުން ތިނަދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ތަރައްޤީ ގެންނަންޖެހޭނީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކޮށްގެން ނޫން ކަމަށާއި, ކޮންމެ ރަށަކަށް ވެސް އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އަދި އިންތިޚާބު ނިމި ލަސްތަކެއްނުވެ ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
”އިންތިޚާބަށްފަހު ލަސްތަކެއްނުވެ މި ރަށް ސިޓީއަކަށް ބަދަލުކުރުމުގެ ރަސްމިއްޔާތަށް އަޅުގަނޑު އަންނާނަން.“ ރައީސް ވިދާޅުވިއެވެ.