ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބާ އިމްތިހާނުގައި ބައިވެރިވި މީހުންގެތެރެއިން %68 މީހުން ފާސްވެފައިވާ ކަމަށް ބާ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީއާއި އައްޑޫ ސިޓީގައި މި އިމްތިހާން ބޭއްވީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށްޓަކައި ހަދަންޖެހޭ މި އިމްތިހާނުގައި 176 މީހުން ބައިވެރިވިއެވެ.
ބާ ކައުންސިލުން ބުނީ އޭގެތެރެއިން %68 މީހުން ފާސްވެފައިވާ ކަމަށެވެ. އަދި ހުރިހާ ދަރިވަރުންނަށް ލިބުނު އެވަރެޖު ނަތީޖާއަކީ %66 ކަމުގައެވެ.
މި އިމްތިހާނުގައި ބައިވެރިިވި މީހުންގެ ތެރެއިން 18 މީހަކު ވަނީ ޓޮޕް އެޗީވާސް ލިސްޓުގައި ހިމެނިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, ޔުނިވަރސިޓީ އޮފް ލަންޑަން އަދި ވިލާ ކޮލެޖުން ކިޔަވައިގެން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނެވެ.
ބާ ކައުންސިލުން ބުނި ގޮތުގައި އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާ ބާ އެޑްމިޝަންސް ސެރެމަނީގައި އިމްތިހާނުން މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ޝަރަފު އެރުވުން އޮންނާނެއެވެ.