ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓު ހިންގާ އދ.ހުރުއެޅީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ބައެއް މަސައްކަތްތައް, ތިމާވެށްޓަށް އަސަރުކުރާ މިންވަރު ދެނެގަންނަ ރިޕޯޓުގެ (އީއައިއޭ) މަރުހަލާ ފުރިހަމަނުކޮށް ކުރިޔަށް ގެންދިއުމުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ރަށް ހިންގާ ކުންފުނި ބޮޑު ޢަދަދަކުން ޖޫރިމަނާކޮށްފިއެވެ.
އީޕީއޭއިން މިއަދު ބުނީ ހުރުއެޅި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ބައެއް މަސައްކަތްތައް, ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންގޮސްފައިވަނީ އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ކަމަށެވެ.
ހުރުއެޅި ބަނދަރު ތަރައްޤީކުރުމުގެ ތެރޭގައި 1055 އަކަމީޓަރުގެ ގެ ސަރަހައްދެއް ކޮނެ, 1582 ކޮޑިމީޓަރުގެ ވެލި ނަގައި, 60 މީޓަރުގެ ބަނދަރެއް ގާއިމުކޮށްފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ. އަދި މި މަސައްކަތުގައި ނެގުނު ވެލިތައް އަލަށް ގާއިމުކުރެވުނު ބަނދަރާއި އިންވެގެން ބަނދަރުގެ ”ކީ ވޯލްގެ“ ފަހަތަށް އަޅާފައިވާކަމަށް އެ ކުންފުނިން އިއުތިރާފުވެފައިވާ ކަމުގައެވެ.
އެ ގޮތުން ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން 20,000 ރުފިޔާއިން އެ ކުންފުނި ވަނީ ޖޫރިމަނާކޮށްފައެވެ.
މީގެއިތުރުން ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 28,469,525.00 ރުފިޔާއިން ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވަނީ ޖޫރިމަނާ ކޮށްފައެވެ.
އީޕީއޭއިން ބުނީ ޖޫރިމަނާގެ ޖުމްލަ ފައިސާގެ ޢަދަދު ކަމުގައިވާ 28,489,525.00 ރުފިޔާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް މި މަހުގެ 19 ވަނަ ދުވަހު އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.