ޅ.ހިންނަވަރުގައި ޢިމާރާތްކުރާ 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފިއެވެ.
ހިންނަވަރުގައި ބޭއްވި ރަސްމިއްޔާތެއްގައި 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެ ދާއިރާގެ މެންބަރު ޖީހާން މަޙްމޫދުގެ އިތުރުން ރަށު ކައުންސިލް މެމްބަރުންނެވެ.
ހިންނަވަރުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓު ޢިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރު ޖުލައި މަހުގައެވެ.
ހިންނަވަރުގައި ޢިމާރަތް ކުރުމަށް ހަމަޖެހިފައިވަނީ 700 އަކަފޫޓުގެ 2 ބުރީގެ 50 ރޯހައުސްއާއި 1000 އަކަފޫޓުގެ އެއް ބުރީގެ 50 ހައުސިންގ ޔުނިޓެވެ.
މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި, 3 ފާހަނާ, ސިޓިންގް ރޫމް, ބަދިގެ, ކާގެ, ލޯންޑަރީ އަދި ސްޓޯރޫމް އެއް ހިމެނޭނެއެވެ.
މީގެއިތުރުން ޢިމާރާތުގެ ވަށާ ފާރާއި, މި ހައުސިންގް ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލިކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
83،807،840.00 ރުފިޔާއަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާ މި މަަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.