އިންޑިއާގެ އުއްތަރަކަންދު ސްޓޭޓުގައި ލައުޑްސްޕީކަރުން (ތާޅަފިލިން) ބަންގި ގޮވި 7 މިސްކިތެއް ފަސް ހާސް ރުފިޔާއިން ޖޫރިމަނާ ކުރަން އަންގައިފި އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އުއްތަރަކަންދު ސްޓޭޓްގެ ހަރިދުވާރު ސަރަހައްދުގެ ހައިކޯޓުން ޖޫރިމަނާކޮށްފައި ވަނީ ޖާމާ މަސްޖިދު ހަރިދުވާރާއި ހަތުލާ (ކިކަރުވަލީ) މަސްޖިދާއި ބިލާލް މަސްޖިދާއި ޞަބްރީ ޖާމާ މަސްޖިދާއި އިތުރު ތިން މިސްކިތެކެވެ. ކުށަކީ ތާޅަފިލިން އަޑުގަދަކޮށް ބަންގި ގޮވުމެވެ.
އެއިން ކޮންމެ މިސްކިތެއް 5 ހާސް ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ހުކުމް ކުރި، އަޑު އެހުމަށް މިސްކިތްތަކުގެ ފަރާތުން އެއްވެސް މީހަކު ހާޒިރެއް ނުވެއެވެ. އެ އަޑުއެހުމަށް މިސްކިތްތަކުގެ ފަރާތުން މީހަކު ހާޒިރު ނުވާނެކަން ކުރިން ވަނީ އަންގާފައެވެ.
އުއްތަރަކުންދުގައި ތާޅަފިލިން އެންމެ އަޑުގަދަކޮށް ބަންގި ގޮވާއިރު އަޑު ހުންނަން ޖެހޭ މިންވަރު ކުރިން ވަނީ ކަނޑައަޅާފައެވެ. ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ޕާޓީން ދަނީ ބޭރަށް އަޑުއިވޭ ގޮތަށް މިސްކިތްތަކުގައި ބަންގި ދިނުން ގާނޫނީ ގޮތުން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.
ބޮޑު ވަޒީރު މޯދީ ޕާޓީގެ އިސް ލީޑަރުން ތުހުމަތު ކުރައްވާ ގޮތުގައި މިސްކިތްތަކުން ތާޅަފިލި ބޭނުންކޮށްގެން އަޑުގަދަކޮށް ބަންގި ދިނުމުން އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންގެ އަރާމު ނިދިން މަހުރޫމްވެއެވެ.
އަނެއްކޮޅުން މުސްލިމް އިލްމުވެރިޔާ މުޙައްމަދު ޢަރީފް ވިދާޅުވެފައި ވަނީ ބަންގީގެ އަޑާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި އެންމެން އެއްބަސްވީ އަޑު ދަށްކޮށް ބެހެއްޓިއަސް އެންމެ ރަނގަޅު ކަމަށެވެ. އަދި އެކަމުން އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ.
މިސްކިތްތަކުގައި ބަންގި ގޮވުމުން ހިންދޫން ބޮޑު މައްސަލައަކަށް ހަދަމުންދާއިރު މިސްކިތްތަކުގެ ކައިރީގައި ހަދާފައި ހުންނަ ފައްޅިތަކުންނާއި އެހެން ތަންތަނުން އަޑުގަދަކޮށް ލަވަޖަހައި ރަނގަބީލު ޖަހައި ޕާޓީތައް ބާއްވައި އަޑުގަދަކުރާ މައްސަލަ މައްސަލައެއްގެ ގޮތުގައި ނުބެލެވެއެވެ.
މުސްލިމް އިލްމުވެރިޔާ މުޙައްމަދު ޢަރީފް ވިދާޅުވީ ފުލުހުން އަޑުގަދަ ކުރުމުގެ ޤާނޫނު ތަންފީޒު ކުރަނީ ހަމައެކަނި މިސްކިތްތަކަށް ކަމަށާއި އަޑުގަދަ ކުރާ އެހެން މީހުންގެ މައްސަލަ ނުބެލޭކަމަށާއި އެ މީހުން ދޫކޮށްލާ ކަމަށެވެ.