އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އެމްޑީޕީގެ މެންބަރުންގެ އިތުބާރު ގެއްލެނީ އެ މަނިކުފާނު ކަންކަން އޮޅުވައިލައްވާތީ ކަމުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސެން) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު މިއަދު ވަނީ އަނދުން ހުސެންގެ ޢާއިލާ ދިރިއުޅުއްވާ ހ.އަދުންގެ ވަޑައިގެންފައެވެ. އެ މަނިކުފާނު ވަނީ އެ ގެއަށް ވަދެވަޑައިގެން އެ ޢާއިލާގެ މެންބަރުންނާއެކު ފޮޓޯ ވެސް ނަންގަވައިފައެވެ.
”އަންނި 2023“ އާއި ”ފިކުރެއްގެ ދިރުން“ ފަދަ ޝިޢާރުތަކާއެކު ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި ކެމްޕޭނު ޓީމުން ގެންދަނީ އެ ފޮޓޯތައް ޢާންމުކުރަމުންނެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ހުސެން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީގައި އޭނާގެ ޢާއިލާގެ އެއްވެސް މީހަކު ނަޝީދަށް ތާއީދެއް ނުކުރާ ކަމަށެވެ.
”ކުޑަކުދިންނާއެކު ޢާއިލާ ހަވީރު ސައިބޯން ތިއްބާ ގެއަށް ވަދެވަޑައިގަނެ ފޮޓޯއެއް ނަގައި ސިޔާސީ ބޭނުމަށް އެ ފޮޓޯ ބޭނުންކުރުމަކީ ދަށު ދަރަޖައިގެ ކަމެއް. މާފަށް އެދިވަޑައިގަތުމަށް ގޮވައިލަން.“ ނަޝީދަށް ޓެގްކުރައްވައި ކުރެއްވި ޓުވީޓުގައި ހުސެން ވިދާޅުވިއެވެ.
ހުސެން ވިދާޅުވީ އޭނާގެ ޢާއިލާގެ ތާއީދު އޮތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ކަމަށެވެ. އެ ގޮތުން އޭނާ ވަނީ ރައީސް އެއް ރެއަކު އެ ގެއަށް ވަޑައިގަތް މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ޓްވިޓާގައި ހިއްސާކުރައްވައިފައެވެ.