ެފެންނަމުންދަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުޙައްމަދު ނަޝީދުގެ ބައެއް ސަޕޯޓަރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނަށް ހުރަސް އަޅައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް ވިދާޅުވެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ރައީސް ޞާލިޙްގެ ކެމްޕޭން މެނޭޖަރު މުޙައްމަދު ނާޝިޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިޙްގެ ކެމްޕޭނަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން މިއަދު ތުޅާދުއަށް ވަޑައިގަތުމުން އިދިކޮޅު ކޯލިޝަނުގެ ސަޕޯޓަރުން ވަނީ މުޒާހަރާކޮށްފައެވެ.
އެ މުޒާހަރާގެ ބައިވެރިން ގޮވައިލަމުން ދިޔައީ ޖަލުގައި 11 އަހަރުގެ ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށެވެ. މުޒާހިރީން ދެކޭ ގޮތުން ޔާމީނަށް އިއްވި ޙުކުމުގެ އިސް މޭސްތިރިއަކީ ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާ މެންބަރު ހިސާނެވެ.
ހިސާން އެ ރަށަށް ވަޑައިގެން ގެއަކަށް ވެންނެވިއިރު ވެސް މުޒާހިރީން އަޑުގަދަ ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑީއާގައި އަންނަނީ ދައުރުވަމުންނެވެ.
އެކަން ކުށްވެރި ކުރައްވައި ނާޝިޒް ވިދާޅުވީ ނަޝީދުގެ ސަޕޯޓަރުން ކެމްޕޭނުގައި ހަޖަނުޖެހުމަށް ހިތްވަރުދެމުން ދިޔުމަކީ ހަޑިހުތުރު ކަމެއް ކަމުގައެވެ.
”އައްޗީޑި. މިކަހަލަ ކަންކަމަށް ހިތްވަރުދީ މި ކެމްޕޭންގަ ހަމަނުޖެހުމަށް ހިތްވަރުދިނުން ހާދަ ހަޑިއޭ. ވާދަވެރި ކެންޑިޑޭޓަށް ތާއީދުކުރާ އެމްޑީޕީގެ މެންބަރުން މިފަދަ ނާތަހުޒީބީ ފިނޑި އަމަލުތަކަށް ހިތްވަރުދީ މިކަން ޕްރޮމޯޓްކުރުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން.“
ނާޝިޒް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީތަކަކީ ވާދަވެރި ކެމްޕޭނެއް އަބަދުވެސް ކުރާ ބައެއް ކަމަށާއި ނަމަވެސް ދުވަހަކު ވެސް ހަމަޖެހުން ނަގައިލަން މަސައްކަތް ނުކުރާ ކަމަށެވެ. އެކަމު މިއަދު ފެންނަނީ ރައީސް ޞާލިޙަށް ކެމްޕޭން ކުރާ މީހުންނާ ދިމާކޮށް މި އުސޫލުތައް މުގުރާލައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާތަންކަމަށް އޭނާ ވިދާޅުވިއެވެ.