އެމްޑީޕީއަކީ އެންމެ މީހެއްގެ މަސައްކަތުން އުފެއްދި ޕާޓީއެއް ނޫން ކަމަށާއި ތި އުޅުއްވަނީ ހަނދާން ނެތިގެންކަމަށް ވިދާޅުވެ އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕޭނަށް މިއަދު ގއ.ވިލިނގިއްޔަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ޕާޓީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ބޯގަންވިލާ އިބްރާހިމް އިސްމާޢީލް (އިބްރާ) ކަމަށާއި އެއަށްފަހު ސޮއިކުރެއްވީ އެ މަނިކުފާނު ކަމުގައެވެ. ދެން ތިއްބެވި ބޭފުޅުން ސޮއިކުރެއްވީ އެއަށްފަހު ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނަށް “ބަދުބަސް“ އަމާޒުކުރެއްވުމަކީ ޕާޓީއަށް ވެސް ފައިދާހުރި ގޮތެއް ނޫން ކަމުގައެވެ. އަދި ޕާޓީއާ ދުރުގައި އުޅުއްވަން ޖެހިވަޑައިގަތުމުން އެހެން ބޭފުޅުން ކުރެއްވި މަސައްކަތްތައް އެ ބޭފުޅަކު ހަނދާން ނެތުނީ ކަމަށް ވެސް ރައީސް ނަޝީދަށް އަމާޒުކުރައްވައި ރައީސް ވިދާޅުވިއެވެ.
”ޕާޓީއާ ދުރުގައި އުޅެން ޖެހުމުން އެހެން ބޭފުޅުންގެ މަސައްކަތްތަކާއި ގުރުބާނީ, އެ ބޭފުޅަކު ހަނދާން ނެތުނީކަމަށް ވެދާނެ.“
ރައީސްގެ ވާހަކަފުޅުގައި ޕާޓީ އުފެއްދުމުގައި އިސްކޮށް ހަަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންގެ ވާހަކަ ފާހަގަކުރެއްވިއެވެ.
އެ ގޮތުން އެ ޕާޓީގެ ކޮލަމާފުށީ ދާއިރާގެ ރައީސް މުޙައްމަދު ރަޢޫފާއި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ޕާޓީއަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެ ބޭފުޅުންގެ އަގުވަޒަން ކުރަންޖެހޭ ކަމުގައެވެ.
ރައީސް ވިދާޅުވީ އެމްޑީޕީއަކީ ވަކި ބޭފުޅެއްގެ ޕާޓީއެއް ނޫން ކަމުގައެވެ. އަދި ވަކި ބޭފުޅެއްގެ ވަކި މަގުސަދެއް ހާސިލުކުރުމުގެ ބޭނުމުގައި ޕާޓީ އުފެއްދުމުގައި ގުރުބާންވެވަޑައިގެންނެވި ބޭފުޅުންނާ ދިމާއަށް ހިތުހުރި އެއްޗެއް ގޮވުމަކީ ޕާޓީއަށް ރަނގަޅު ގޮތް ނޫންކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެ މަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ ޕާޓީ އުފެއްދުމުގައި ގުރުބާންވެވަޑައިގެންނެވި ބޭފުޅުންނާ އެކުގައި ކަމަށާއި ވަކި ބޭފުޅަކު ބާކީ ކުރެއްވުމަކީ އެ މަނިކުފާނުގެ ވިސްނުންފުޅެއް ނޫން ކަމަށެވެ.