އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުނުކުރައްވައި އެ މަނިކުފާނުގެ ވާދަވެރިޔާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރެއްވި ނަމަވެސް އެސްޓީއޯގެ އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް ނާންނާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ ސިޔާސީ ފިކުރަށް އަންނަ ބަދަލުތަކާ ގުޅިގެން މަޝްރޫޢުތައް ހުއްޓުމަކަށް ނުގެނެވޭނެކަމަށް ވިދާޅުވެ ރައީސް ޞާލިޙް މިއަދު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ތިނަދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އަމްރުގެ ނަން ނުގެންނަވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ތިނަދޫ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޓީއޯއާއި މިފްކޯއާ ކަމުގައެވެ. މިފްކޯއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތް މަޑުޖެހިދާނެ ކަމަށް ބައެއް މީހުން މިއަދު ސުވާލު އުފައްދައިފާނެ ކަމަށާއި ނަމަވެސް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސަރުކާރުގެ އެއްވެސް އޮފީހަކުން ކުންފުންޏަކުން ފަހެއް ނުޖެހޭނެ ކަމަށެވެ.
”ތިމާގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ސަރުކާރުގެ މިފަދަ މަޝްރޫޢުތައް ހުއްޓުމަކަށް ނުގެނެވޭނެކަން ޔަޤީންކޮށް އަރުވަން ތިޔަ ބޭފުޅުންނަށް. މިއިން އެއްވެސް ކަމެއް ހުއްޓުނަ ނުދިނުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް ބަރާބަރަށް އެ ކުންފުނިތަކުގައި ކުރަމުން ގެންދާނަން.“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅާ ގުޅިގެން އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދާއެކު ކެމްޕޭނަށް ވަޑައިގެންނެވުމުގެ ކުރިން އެ ވާހަކަ ރައީސަށް ދެންނެވި ކަމަށެވެ.
އަމްރު ވިދާޅުވީ ޕާޓީ އެތެރޭގެ އިންތިޚާބުގައި ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯއިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް ނާންނާނެ ވާހަކަ ވެސް ރައީސަށް ދެންނެވި ކަމަށެވެ.
”އަޅުގަނޑު ރައީސް ނަޝީދާއެކު ކެމްޕޭނަށް ދިޔުމުގެ ކުރިން ރައީސުލް ޖުމްހޫރިއްޔާ އަށް އަޅުގަޑު ދާ ވާހަކައާއި، ދާ ސަބަބާއި އަދި ޕާޓީ އެތެރޭގެ އިންތިޚާބުގައި ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯ އިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް ނާންނާނެ ވާހަކަ ދެންނެވިން. އެސްޓީއޯ އިން ކުރަމުން ގެންދަނީ ޤައުމީ މަސައްކަތެއް އެއީ ދިވެހި ރައްޔިތުންނަށް ދޭ ޚިދުމަތެއް.“
އަމްރު ވިދާޅުވީ އެސްޓީއޯއިން ކުރަމުން ގެންދާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ބާރަށް ކުރިޔަށްދާނެ ކަމަށެވެ.