ގެދޮރުވެރިޔާ ސްކީމާ ގުޅޭ ގޮތުން އެއްވެސް މުޢާމަލާތެއް ކުރުމަށް އެ މިނިސްޓްރީން ނުގުޅާނެ ކަމަށާއި، މިނިސްޓްރީގެ ނަމުގައި ގުޅާ މީހުންނާމެދު ސަމާލުވުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން މިއަދު އެދިއްޖެއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން ”ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމް“ އާ ގުޅޭ ގޮތުން ބައެއް ފަރާތްތަކާއި ގުޅައި، ފޯމާއެކު މަދުވާ ކަމަށް ބުނާ ޑޮކިއުމަންޓްތަކެއް ހުށަހެޅުމަށް 9349119 މޯބައިލް ނަންބަރުން ގުޅަމުންދާކަމުގެ މަޢުލޫމާތުތައް އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި އެ ނަންބަރާއި ގުޅުމުން އެ މިނިސްޓްރީގެ ރިސެޕްޝަންގެ ނަންބަރަށް ކޯލް ޑައިވާރޓް ކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
”ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި 15 އޮކްޓޫބަރު 2022 ވާ ހޮނިހިރު ދުވަހުގެރޭ 23:59 ގެ ފަހުން މިހާތަނަށް އެއްވެސް ރައްޔިތެއްގެ މަޢުލޫމާތު ހޯދުމަށް ނުވަތަ ޑޮކިއުމަންޓެއް ހުށަހެޅުމަށް އެއްވެސް މުޢާމަލާތެއް މި މިނިސްޓްރީން ކުރިއަށް ގެންގޮސްފައިނުވާތީ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަން“
ކުރިއަށް އޮތް ތަނުގައި ވެސް ފޯނުން ގުޅައިގެން އެއްވެސް މުޢާމަލާތެއް އެއްވެސް ފަރާތަކާއެކު މިނިސްޓްރީން ކުރިއަށް ނުގެންދާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.