އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައި ނުބަލަނީ އެ މައްސަލައިގެ ތަޙްޤީޤާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަކި މަސްލަހަތެއް ހިފަހައްޓަވާތީކަމަށް އެމްޑީޕީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނާ ގުޅޭ ގޮތުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު އެމްޑީޕީ މެންބަރުން ދުވަހަކު ވެސް ”ކޮރަޕްޝަން“ ބަލައެއް ނުގަންނާނެ ކަމަށާއި އެމްޑީޕީއަކީ އަނިޔާއާއި ކޮރަޕްޝަނާ ދެކޮޅަށް އަބަދުވެސް ވަކާލާތުކުރަމުން އަންނަ ބައެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނޭ 270 މީހުންނަށް ދަޢުވާކުރަންޖެހޭނެ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ދަޢުވާ ނުކުރައްވާ ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާ ހަމަ ކަނޑައެޅިގެން ހުއްޓުވާފައި އެ އޮތީ.“
”އެމްއެމްޕީއާރްސީ މައްސަލައިގައި ވެސް ލޯ ލާރިއެއް ވެސް ހޯދިފައެއް ނެތް. އަޅުގަނޑަށް މިހާރު ލަފާކުރެވެނީ ކޮންމެސް މަސްލަހަތެއް ހިފަހައްޓަން ރައީސުލްޖުމްހޫރިއްޔާ ޖެހިވަޑައިގަންނަވަނީއޭ. އަޅުގަނޑުގެ ނެތް ހިފަހައްޓަންޖެހޭ އެއްވެސް މަސްލަހަތެއް. މާދަމާ ވެސް ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން ޙައްޤު ދަޢުވާ ކުރާނަން. އެއީކީ އަޅުގަނޑުމެން ދުވަހަކު ވެސް ހުއްޓާނެކަމެއް ނޫން.“
މީގެއިތުރުން ނަޝީދު ވަނީ ވެންޓިލޭޓަރު މައްސަލަ ނުބެލުނުކަން ވެސް ފާހަގަކުރައްވައިފައެވެ.