އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބު އިންސާފުވެރިކޮށް ގެންދިއުމަށްޓަކައި ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް މަސައްކަތް ކުރައްވާނެކަމުގެ އިތުބާރު އެބައޮތް ކަމުގައި އެ ޕާޓީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނާ ގުޅޭ ގޮތުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އިންތިޚާބުގައި ކަންކަން ކުރިއަށްދާންޖެހޭ ގޮތުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ.
”ވޯޓު ކަރުދާސް ކޮޅެއް ދޫކުރަން ޖެހޭނީ އައިޑީ ކާޑު ހިފައިގެންދާ މެންބަރަކަށް. ވޯޓު ލިސްޓުގައި އޮންނަ މީހަކަށް. އޭނައާއި އައިޑީ ކާޑާއި އޭނަގެ މޫނާ ދިމާވާންޖެހޭނެ. އެހެން މީހެއްގެ އައިޑީ ކާޑު ހިފައިގެން އައިސްގެންނުވާނެ.“
ވޯޓުލާން ފަށަން ޖެހޭނީ އިއުލާނުކޮށްފައި އޮތް ލިސްޓަށް ކަމަށާއި އިއުލާނުކޮށްފައިވާ ލިސްޓު ވޯޓުލާ ފޮށި ދޮށުގައި އޮންނަންޖެހޭނެ ކަމަށާއި ވޯޓު ކަރުދާސްތައް ފަށާއިރު ގުނަން ޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ. ވިދާޅުވީ ކަރުދާސްކޮޅު ދޫކުރަންޖެހޭނީ ވޯޓު ލިސްޓުގެ ނަމާ ދިމާގައި ފާހަގަޖެހުމަށްފަހު ކަމަށާއި ބާކީ ހުރި ކަރުދާސްކޮޅުތަކާއި ފޮށީގައި ހުރި ކަރުދާސް ކޮޅުތަކާއި ޖުމްލަ ކަރުދާހުގެ އަދަދު ދިމާވާންޖެހޭނެ ކަމުގައެވެ.
މީގެއިތުރުން ވޯޓުލާ ސްޓޭޝަނަށް ފޯނު ހިފައިގެން ވަނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެއީ ވޯޓަށް ނުފޫޒު ފޯރުވޭނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
”ތިމަންނާ ވޯޓުލީ ގޮތް ކޮންމެ ވެސް މީހަކަށް އަންގައިދިނުމަށްޓަކައި ނަގާ ފޮޓޯ ނަގާފައި އެ މީހާއަށް ދިނުމަށް އެ މީހާ އެބައެދޭ ވޯޓެއް ގޮތަކަށް ގެންދިއުމުގަ.“
”އެހެންވީމަ މި ކަންކަމަކީ އެމްޑީޕީ މެންބަރުން ވަރަށް ފަރިތަކަމެއް. އަޅުގަނޑު ހިތުން މި ވޯޓު ރަނގަޅަށް ސެކިޔޯކޮށް އިންސާފުވެރިކަމާއެކީ ގެންދިއުމަށް ވޯޓު ރަނގަޅަށް ރީތިކޮށް ބެލެހެއްޓިގެންދާނެ. އަޅުގަނޑަށް އިތުބާރު އެބައޮތް ޗެއާޕާސަންގެ މައްޗަށް. އަދި އަޅުގަނޑުމެންގެ އިންތިޒާމު ކޮމިޓީއާ މި ކަންކަން އެ ބޭފުޅުން ރަނގަޅަށް ބަލަހައްޓަވައިދެއްވާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދުކުރަން.“ ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ކުރިން ވަނީ ޕާޓީގެ ދަފްތަރުން ގިނަ ބަޔަކު ވަކިކޮށް ގަޑުބަޑުކޮށްފައިވާ ކަމުގައި ވިދާޅުވެ އިންތިޚާބު އިންސާފުވެރި ނުވާނެކަން ވެސް ފާހަގަކުރައްވައިފައެވެ.