ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނުގުޅުއްވާތާ މިހާރު އަހަރެއްހައި ދުވަސްވެއްޖެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނާ ގުޅޭ ގޮތުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙަކާ ގުޅުމެއް ނެތް ކަމަށާއި އެ މަނިކުފާނު ނުގުޅުއްވާތާ މިހާރު އަހަރެއްހައި ދުވަސްވެއްޖެ ކަމަށެވެ.
”ބޮމުގެ ހާދިސާގައި ވެސް އަޅުގަނޑު ޖަރުމަނުގައި އޮތްހައި ދުވަހަކު ވެސް އަދި އިނގިރޭސިވިލާތުގައި އެކަމުގައި އޮތްހާ ދުވަހު ވެސް ރައީސުލްޖުމްހޫރިއްޔާ ގުޅުއްވީ އެއް ދުވަހު. އަޅުގަނޑަކާ ރައީސުލްޖުމްހޫރިއްޔާއަކާއެއް ގުޅުމެއް ނެތް.“
ރައީސް ނަޝީދު ވިދާޅުވީ އިއްތިހާދާ ގުޅުން ބޭއްވުމުގެ ގޮތުންނާއި އަމިއްލަފުޅަށް ފާހަގަވުމުގެ ބޭނުންފުޅުގައި ރައީސް ޞާލިޙް އެ މަނިކުފާނާ މަޝްވަރާ ކުރެއްވުން ހުއްޓާލައްވާފައިވާ ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާއާ ކައިރީގައި ތިއްބަވާ ބޭފުޅުން ހެކިވެވަޑައިގަންނަވަނީ އަޅުގަނޑާ މަޝްވަރާކޮށްފިނަމަ ރައީސުލްޖުމްހޫރިއްޔާ ޝައިން ވާ މިންވަރު ކުޑަވެގެންދާނޭ.“
ނަޝީދު ވިދާޅުވީ ރައީސް ޞާލިޙް އުޅުއްވަނީ ނުޖެހޭ ފިކުރެއްގައި ކަމަށެވެ.