މިދިޔަ އަހަރުގެ އޮގަސްޓުމަހުގައި މާލޭ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) މަރައިލި މައްސަލައިގައި ދަޢުވާ ލިބޭ ސާހިލްއަށް ދައުލަތުގެ ޚަރަދުގައި ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން މިއަދު ދީފިއެވެ.
މިދިޔަ އޮގަސްޓު ހަވަނަ ދުވަހުގެ ރޭ ހ.ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ތޫނު އެއްޗަކުން ހަމަލާދީ ޢުމުރުން 22 އަހަރުގެ ޝިއާއު މަރައިލި މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ ފ.ނިލަންދޫ/ފިނިފެންމާގޭ ސާހިލްގެ މައްޗަށެވެ.
އޭނާގެ މައްޗަށް ފަސް ދަޢުވާއެއް ވަނީ އުފުލައިފައެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން އިތުރު ދެ ދަޢުވާއެކެވެ. އެ ދެ ދަޢުވާގެ ތަފްސީލު ޕީޖީން ހާމައެއް ނުކުރެއެވެ.
މި މައްސަލައިގެ ޝަރީޢަތް މިއަދު ވަނީ ފަށާފައެވެ. އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ސިއްރުކޮށްގެންނެވެ.
ޕީޖީން ބުނީ މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ޚަރަދުގައި ސާހިލަށް ވަކީލަކު ހަމަޖައްސަން ކޯޓުން ފުރުސަތު ދީފައިވާ ކަމަށެވެ.
ޤާނޫނުއަސާސީގައިވާ ގޮތުން ޖިނާޢީ ބޮޑެތި މައްސަލަތަކުގައި އަމިއްލައަށް ވަކީލަކު ހޯދޭ ފެންވަރު ނެތްނަމަ ދައުލަތުގެ ޚަރަދުގައި އެ މީހަކަށް ވަކީލަކު ހަމަޖައްސައިދޭން ޖެހޭނެއެވެ.
ފުވައްމުލަކަށް ނިސްބަތްވަ ޝިއާއު މަރައިލި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގެއެވެ.
މި މައްސަލައިގައި ޢުމުރުން 23 އަހަރުގެ ސާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. އޭނާ މިހާރު ހުރީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.