ގއ.ދާންދޫ “ފަހިރޯދި“ ދޯނި މަހަށް ނުކުމެ އުޅެނިކޮށް ރޭ ދަންވަރު ވަގުތެއްގައި ބިންދައިގެން ހިނގައްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 04:45 ހާއިރުއެވެ.
19 މީހުންނާއެކު މަހަށް ނުކުތް މި ދޯނި ބިންދައިގެން ގޮސް އެހީތެރިކަމަށް އެދުމުން މިފްކޯގެ ރަންދި 23 ބޯޓުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.
”މި ހިތާމަވެރި ހާދިސާގައި ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ.“ މިފްކޯއިން ބުންޏެވެ.
ހާދިސާ ހިނގީ ގއ.އަތޮޅުގެ ތިން މޭލުން ބޭރުންނެވެ. ދޯނި ބިންދައިގެން ދިޔައީ ކަނޑުގަދަވެގެން ނޫން ކަމަށް ދޯނީގެ ކެޔޮޅު ބައެއް ނޫސްތަކަށް މަޢުލޫމާތުދެމުން ބުނެފައިވެއެވެ.
ދޯނިން ދަތުރުކުރި އެންމެން މިހާރު ތިބީ އެހީތެރިކަން ފޯރުކޮށްދޭން އެ ސަރަހައްދަށް ދިޔަ ސީކިންގް ދޯނީގައެވެ. ދޯނީގެ ދެބައި ދާންދޫގެ ދެ ދޯންޏެއްގެ އެހީތެރިކަމާއެކު އެ ރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.