ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ ސިޔާސީ ފިކުރަށް އަންނަ ބަދަލުތަކާ ގުޅިގެން މަޝްރޫޢުތައް ހުއްޓުމަކަށް ނުގެނެވޭނެކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރަށް ނުސީދާ ގޮތުން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ތިނަދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތަށް ކޮށްދެއްވަން ހުރި ވަރަށް ގިނަ މަސައްކަތްތައް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ. އެ ގޮތުން ތިނަދޫ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ތިނަދޫ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޓީއޯއާއި މިފްކޯއާ ކަމުގައެވެ. މިފްކޯއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތް މަޑުޖެހިދާނެ ކަމަށް ބައެއް މީހުން މިއަދު ސުވާލު އުފައްދައިފާނެ ކަމަށާއި ނަމަވެސް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސަރުކާރުގެ އެއްވެސް އޮފީހަކުން ކުންފުންޏަކުން ފަހެއް ނުޖެހޭނެ ކަމަށެވެ.
މަސައްކަތް މަޑުޖެހިދާނެ ކަމަށް ބައެއް މީހުން ސުވާލު އުފައްދައިފާނެ ކަމަށް ރައީސް އެ ވިދާޅުވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރުގެ ސިޔާސީ ވިސްނުމަށް އައި ބަދަލަށް ޢިޝާރަތް ކުރައްވައެވެ. ދާދިފަހުން އަމްރު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާކަން ހާމަކުރައްވައި އެ މަނިކުފާނުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ ސިޔާސީ ފިކުރަށް އަންނަ ބަދަލުތަކާ ގުޅިގެން މަޝްރޫޢުތައް ހުއްޓުމަކަށް ނުގެނެވޭނެ ކަމަށެވެ.
”އެ ކަންތައްތައް އަޅުގަނޑުމެން ކުރާނަން. އަދި ކުރެވޭ ގޮތަށް އެ ކަންތައްތައް ބަދަލުކުރަމުން ގެންދާނަން.“ ރައީސް ވިދާޅުވިއެވެ.
”ތިމާގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ސަރުކާރުގެ މިފަދަ މަޝްރޫޢުތައް ހުއްޓުމަކަށް ނުގެނެވޭނެކަން ޔަޤީންކޮށް އަރުވަން ތިޔަ ބޭފުޅުންނަށް. މިއިން އެއްވެސް ކަމެއް ހުއްޓުނަ ނުދިނުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް ބަރާބަރަށް އެ ކުންފުނިތަކުގައި ކުރަމުން ގެންދާނަން.“ރައީސް އިތުރަށް ވިދާޅުވިއެވެ.
ރައީސް ވަނީ އެއްވެސް ކުންފުންޏެއްގެ މުވައްޒަފަކު ބިރުގަންނަން ނުޖެހޭ ކަމަށާއި މުވައްޒަފުން ކުރަނީ ސަރުކާރުގެ މަސައްކަތްތައްކަން ވެސް ފާހަގަކުރައްވައިފައެވެ.
”އެއްވެސް ބޭފުޅަކު ތިބޭފުޅުންގެ ސިޔާސީ ވިސްނުން ސަރުކާރާ އެއްކޮޅުގައި ހުރި މީހަކު އެހެން ގޮތަކަށް ބަދަލުކުރާނެކަމެއް ނެތް.“
”ތިބޭފުޅުން ސަރުކާރާއެކީ ކުރައްވާ މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާށޭ. އިތުބާރުކުރައްވާށޭ ތިބޭފުޅުންގެ ވަޒީފާއާއި ކުރިއެރުމަށް.“އެމަނިކުފާނު ވިދާޅުވިއެވެ.