ގދ.ތިނަދޫ ސިޓީއެއްގެ ގޮތުގައި ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ތިނަދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ތިނަދޫ ރައްޔިތުން އެދޭ ތަރައްޤީ ގެނެވޭނީ އެމަނިކުފާނާއެކު ކުރިއަށް ގޮސްގެން ކަމުގައެވެ.
ރައީސް ވިދާޅުވީ ތަރައްޤީ ގެންނަންޖެހޭނީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކޮށްގެން ނޫން ކަމަށެވެ. އެ ގޮތުން ކޮންމެ ރަށަކަށް ވެސް އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭންޖެހޭކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިޚާބު ނިމި ލަސްތަކެއްނުވެ ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ.
”އިންތިޚާބަށްފަހު ލަސްތަކެއްނުވެ މި ރަށް ސިޓީއަކަށް ބަދަލުކުރުމުގެ ރަސްމިއްޔާތަށް އަޅުގަނޑު އަންނާނަން.“
ރައީސް ވަނީ ތަރައްޤީގެ މަޝްރޫޢުތަކާއެކު ކުރިއަށްދާނީތޯ ނުވަތަ ދާ ގޮތަށް ގޮސް މަގުމަތިވެ މަޑުޖެހިފައި ތިބޭނީތޯ ވެސް ސުވާލު ކުރައްވައިފައެވެ. އެހެންކަމުން މި މަހުުގެ 28 ގައި އެކަމަށް ވިސްނުމަށްފަހު ވޯޓު ދިނުމަށް އެދިވަޑައިގެންނެވިއެވެ.