ކީރިތި ޤުރުއާން އަންދައިލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިން މައްސަލައިގައި ދިވެހި ސަރުކާރުގެ ބަސް ދުނިޔެއަށް އިއްވައިދިނުމަށް އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފިއެވެ.
އެ ކޯލިޝަނުން މިއަދު ބުނީ ކީރިތި ޤުރުއާން އަންދައިލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިން މައްސަލަ އެންމެ ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ.
ކޯލިޝަނުން ބުނީ މުސްލިމުންނާ ދެކޮޅަށް ހިންގޭ މިފަދަ ލާދީނީ އަދި ލާއިންސާނީ ހަރަކާތްތަކަކީ އެއްގޮތަކަށް ވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދި އެހެން ދީންތަކުގެ މީހުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެދި ބޮޑު ހަމަނުޖެހުމަކަށް ދިއުމުގެ ފުރުސަތު ތަނަވަސްވެގެން ހިނގައިދާނޭ ކަމަށް ޤަބޫލުކުރެވޭ ކަމަށް ވެސް ބުންޏެވެ.
”އެހެންކަމުން ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމަށް ދީފައިވާ ހުއްދަ ބާޠިލުކޮށް ނަފްރަތާއި ރުޅިވެރިކަމަށް ޖާގަ ލިބޭ މިފަދަ ޢަމަލުތަކުން ދުރުވުމަށް އެންމެހާ ޤައުމުތަކަށް ގޮވައިލަން.“
މީގެއިތުރުން ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދައިލުމުގެ ހުއްދަ ދިން މައްސަލައިގައި ދިވެހި ސަރުކާރުގެ ބަސް ދުނިޔެއަށް އިއްވައި މިކަމާ އިދިކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.