މި މަހުގެ 28 ވަނަ ދުވަހުގައި ބާއްވާ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކެމްޕޭން ކުރައްވާ މަންޒަރު ފެންނާނެކަމުގައި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގއ.ވިލިނގިލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައިފައެވެ.
”މި އަހަރުގެ ސެޕްޓެމްބަރުގައި މި އޮތް ރިޔާސީ އިންތިޚާބު އަޅުގަނޑު ކާމިޔާބު ކުރާނަން. ދާދި އަވަހަށް އަޅުގަނޑު ތިބޭފުޅުންގެ ގާތަށް އަންނާނަން އަޅުގަނޑުގެ ޖީބަށް އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ޖަހާލައިގެން.“
ރައީސް ނަޝީދު ވިދާޅުވީ މިހާރު ވަރަށް ގިނަ އަނިޔާ ލިބިވަޑައިގަނެ ވަރަށް ގިނަ ލަކުނު ވެސް ލައިފި ކަމަށާއި ހިތާމައާއި އަސަރާއި ވޭނުގައި ވެސް އުޅުއްވާފައިވާ ކަމަށާއި ނަމަވެސް މި ފެށި ދަތުރު ހުއްޓައިލެވެން ނެތް ކަމުގައެވެ.
އެމްޑީޕީގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވިދާޅުވަމުން ގެންދަވަނީ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.