އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހުވަދު އަތޮޅަށް ވަޑައިގެންފިއެވެ.
މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ހުވަދު އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެ ގޮތުން ފުރަތަމަ ވަޑައިގަންނަވާނީ ގދ.ތިނަދުއަށެވެ. އެ ރަށަށް ވަޑައިގެން ޕާޓީގެ މެންބަުންނާ ބައްދަލު ކުރައްވާނެއެވެ.
އެއަށްފަހު ގއ.ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރިޔާސީ ކެމްޕޭނަށް ރައީސް އިއްޔެ ވަޑައިގަތީ ފުވައްމުލަކު ސިޓީއަށެވެ. އެ ރަށުގައި މެންބަރުންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ކެމްޕޭން އޮފީހެއް ވެސް ހުޅުވައިދެއްވިއެވެ.
އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެ ރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވައިފައެވެ.