އެމްޑީޕީ މަގުމައްޗެއް ނުވާނެ ކަމަށް ވިދާޅުވެ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު, ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ރައްދު ދެއްވައިފިއެވެ.
މި މަހުގެ 28 ވަނަ ދުވަހުގައި ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިޙް ތަކުރާރުކޮށް ވިދާޅުވަމުންދަނީ އެމްޑީޕީއަށް ވެރިކަން ދިފާޢުކުރެވޭނީ އެ މަނިކުފާނަށް ވެރިކަން ލިބިވަޑައިގަތުމުން ކަމަށާއި ރިޔާސީ ޓިކެޓު ރައީސް ނަޝީދަށް ލިބިވަޑައިގެންފިނަމަ ޕާޓީ މަގުމަތިވެދާނެ ކަމުގައެވެ.
ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވެސް ރައީސް ޞާލިޙް ވަނީ ރިޔާސީ ޕްރައިމަރީއަކީ ޕާޓީގެ އެތެރޭގެ އިންތިޚާބެއް ނަމަވެސް ޕާޓީ މަގުމަތިނުވާނެފަދަ ނިންމުމެއް ނިންމަންޖެހޭކަން ފާހަގަކުރައްވައިފައެވެ.
އެވާހަކަތަކަށް ރައްދު ދެއްވައި ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ރައްޔިތުންގެ ޢާންމު ހާލަތު ރަނގަޅު ކުރުމުގެ އުންމީދެއް އެބައޮތް ކަމަށާއި އަބަދު ވެސް އެ ރިސްކު ނަންގަވާނެ ކަމަށެވެ.
”ނޫން. މި ޕާޓީ މަގުމައްޗެއް ނުވާނެ. އެއީ ކޮންފަދަ ވާހަކައެއްތޯ.“
”ހާހެއްހައި މީހުން ސަރުކާރު ވަޒީފާގައި [ސިޔާސީ މަޤާމުތަކުގައި] މި އުޅެނީ. ވަޒީރު ބޭފުޅަކަށްދޭ 70000 ރުފިޔާ އާނ އެ ބޭފުޅާއަށް ގެއްލިދާނެ.“
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އެއްލައްކަ މެންބަރުންގެ ޕާޓީއެއް ކަމަށާއި 1000 މީހުންނަށްޓަކައި އުންމީދެއް ނަގައެއްނުލެވޭނެ ކަމުގައެވެ.