ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ފުވައްމުލަކުގެ ހޮސްޕިޓަލުގެ އާ ޢިމާރާތް ނިމުމުން ދެން އޮތީ ޚިދުމަތްތައް ފުޅާކުރުން ކަމަށެވެ.
”އިރާދަކުރެއްވިއްޔާ ތިބޭފުޅުން ތި ބޭނުންވާ ގޮތަށް އެ ހޮސްޕިޓަލުން ސީޓީ ސްކޭންގެ ޚިދުމަތް ލިބޭ ގޮތަށް އަޅުގަނޑުމެން ހަދައިދޭނަން. އެއަށްފަހު ދެން އޮތީ މި ރަށުގައި އާ ހޮސްޕިޓަލެއް އެޅުން. އެހާ ހިސާބަށް ވެސް މަޑުނުކޮށް މި ގެނެވުނު އެކްސްޓެންޝަނާއެކު ބޭނުންވާ ޚިދުމަތްތައް އިރާދަކުރެއްވިއްޔާ މިނިސްޓަރު ނަސީމް އެކަން ފުރިހަމަކޮށްދެމުން ގެންދާނެ“
މީގެ އިތުރުން އެ ރަށުގައި ހިނގަމުންދާ ބައެއް މަޝްރޫޢުތަކަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ އެ ރަށުގައި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދާ ކަމަށެވެ.
”އެއަށްފަހު އެ ތަނުގައި އޭގެ ބޭރުގައި ބޮޑު މަގެއް ހެދިގެންދާނެ.“
ތަޢުލީމީ ދާއިރާއަށް ބެލި ނަމަވެސް ފުވައްމުލަކުގެ ސްކޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވެމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.