ޝާހްރުކް ޚާންގެ ފިލްމު ”ޕަޓާން“އާ ގުޅޭ ގޮތުން އިންޑިއާގެ ހައްދުފަހަނަޅާފައިވާ ހިންދޫންގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއި މައްސަލަތައް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޝާހް ރުޚް ޚާނަށް ތާއީދު ކުރައްވައިވާހަކަފުޅު ދެއްކެވުން މިހާރު ނިމުމަކަށް އަތުވެއްޖެއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި މި ހަފުތާގައި ބޭއްވި ހަރަކާތެއްގައި ނަރެންދުރަ މޯދީ ވަނީ ފިލްމުތަކާ ބެހޭ ގޮތުން ކޮންމެހެން ބޭނުން ނުވާ ވާހަކަތައް ދެއްކުމުން ދުރުހެލިވެ ތިބުމަށް ބީޖޭޕީގެ ހައްދުފަހަނަޅާފައި ތިބޭ މީހުންގެ ގާތުން އެދިވަޑައިގެންފައެވެ.
ޚަބަރު ލިބޭގޮތުގައި މޯދީގެ ބަޔާނަށް ފަހު ޝާހް ރުޚް ޚާންގެ ޕޯސްޓަރުތައް ވީދުމުގެ ހަރަކާތްތަކާއި އޭނާ މަރާލާނޭކަމަށް ދެމުން ދިޔަ އިންޒާރުތައް ވެސް ވަނީ ހުއްޓިފައެވެ.
ޝާހު ރުޚް ޚާން ވަރަށް މުހިއްމު ބައެއް ކުޅެފައިވާ ”ޕަޓާން“ގައި ހިމެނޭ ލަވަޔަކާ ހެދި ހަރުކަށި ފިކުރުގެ ހިންދޫން ވަނީ ޝާހު ރުޚް ޚާން ބަދުނާމުކޮށް އަގުވައްޓައި އޭނާ އަންދާލަން ވެސް ގޮވާލައި އޭނާއާ ދެކޮޅަށް ވަރަށް ނުބައި ޠޫފާނެއް އުފައްދާފައެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސްކަމަށްވާ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ދައްކަން ފަށާ ”ޕަޓާން“ގައި މުހިއްމު ބައިތައް ކުޅެފައި ވަނީ ޝާހްގެ އިތުރަށް ޖޯން އަބްރަހަމް އާއި ދީޕިކާ ޕަދުކޯން އެވެ. އޭގެ އިތުރަށް މެހުމާނެއްގެ ގޮތުގައި ފިލްމުން ސަލްމާން ޚާން ވެސް ފެނިގެން ދާނެއެވެ.
”ޕަޓާން“ އިޝްތިހާރު ކުރުމަށް މިހާތަނަށް ދައްކާފައިވާ ލަވަތަކާއި މަންޒަރުތަކަށް ބަލާއިރު ފިލްމަށް އާދަޔާ ޚިލާފު ބޮޑު ތަރުހީބެއް ލިބިގެންދާނެއެވެ.