ފޭކް އެކައުންޓު ހަދައިގެން ކިތަންމެ އެއްޗެއް ކިޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައި ޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޒައިދު މިހެން ވިދާޅުވީ ”ހަސަން ކުރުސީ“ ގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓުން މިހާރު ޝައިޚް ޒައިދާއި ޑރ.މުޙައްމަދު އިޔާޟަށް ދެމުން އަންނަ ބަހުގެ ހަމަލާތަކަށް ރައްދު ދެއްވަމުން ކުރެއްވި ޓުވީޓެއްގައެވެ.
އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް ސިޔާސީ ބައެއް ފަރާތްތަކުން ދެކެވަޑައިގަންނަވާ ގޮތުން “ހަސަން ކުރުސީ“ ގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކީ ރައީސް މުޙައްމަދު ނަޝީދު ބޭނުންކުރައްވާ ވަގު އެކައުންޓެކެވެ. ޒައިދުއާއި އިޔާޟް ވެސް ގަބޫލުކުރައްވަނީ އެ ގޮތަށެވެ. ނަމަވެސް ރައީސް ނަޝީދު ދާދިފަހުން ވިދާޅުވެފައިވާ ގޮތުން އެއީ އެ މަނިކުފާނު ބޭނުންކުރައްވާ އެކައުންޓެއް ނޫނެވެ.
”ކުރުސިއްޔޭ ކިޔާ ފޭކު އެކައުންޓަކުން އަޅުގަނޑުމެންނާ އަޅުވައި ކިތަންމެ އެއްޗެއް ކިޔަސް އިރާދަކުރެއްވިޔާ އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ. އެމީހުން ބޭނުންވަނީ ދީނާސިޔާސަތު ވަކިކޮށް ދީނީ މީހުންގެ ޓޭޕު އަޅުވައި ޤައުމުގައި އެބައިމީހުން ބޭނުން ގޯހެއް ހަދަން. އެފުރުސަތެއް ނުދެވޭނެ.“ ޒައިދު ވިދާޅުވިއެވެ.
”ހަސަން ކުރުސީ“ އަށް ރައްދު ދެއްވަމުން ޒައިދު އިތުރަށް ވިދާޅުވީ ފުރަތަމަ ކުރައްވަންވީ ކަމަކީ ޓްރާންސްޕޭރެންޓް ވުން ކަމުގައެވެ.
”ވަގު އެކައުންޓް ހައްދަވައިގެން އޭގެ ފަހަތު އޮންނަވައި، އެއްޗެތި ކިޔުއްވުމުގެ ބަދަލުގައި، ކާކުކަން އެނގޭ ގޮތަށް، ބަސް ބުނަން ފައްޓަވަންވީ. ބުނާ ބަހުގެ ޒިންމާ ނެގޭހާ ހިތްވަރުގަދަ ވާންވީ.“
ޒައިދު ވަނީ އެ ކަންކަން ކުރައްވާފައި ދެން ޖަދަލު ކުރެއްވުމަށް ވެސް ގޮވައިލައްވައިފައެވެ.