އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކޮށް އެހެން އިންތިޚާބުތައް ކާމިޔާބު ކުރުމަކީ އެމްޑީޕީއަށް ދަތިކަމަކަށްވާނެ ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފުވައްމުލަކަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ވެރިކަމުގައި ތިިބި ބަޔަކަށް ނޫނިއްޔާ ރައްޔިތުން މަޖިލީހެއް ވެސް ނެތް ލިބިފައެއް ކަމަށާއި 2008 ގަ ވެސް އެކަން ވީ އެހެން ކަމަށެވެ. އަދި 2013 ގައި ވެރިކަމުގައި އޮތީ ޕީޕީއެމް ރައްޔިތުންގެ މަޖިލީހާއި ކައުންސިލުތަކުގެ އަޣުލަބިއްޔަތު ނެގިކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
”ޕީޕީއެމް ބޮޑުތަނުން މަޖިލިސް ނެގި. ކައުންސިލްތައް ނެގި. 2018 ގައި އަޅުގަނޑުމެން ވެރިކަމަށް އައުމަށްފަހު ދެން ބޭއްވި ރައްޔިތުންގެ މަޖިލިސް ބޮޑު ތަނުން އަޅުގަނޑުމެން ކާމިޔާބު ކުރިން. ކައުންސިލުތައް ވެސް އެހެން.“
އެހެންކަމުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
”އެހެންވީމާ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ 2023 ކާމިޔާބު ނުކޮށެއް ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބު ކުރުމަކީ އަޅުގަނޑުމެންނަށް ދަތި އުނދަގޫ ކަމަކަށް ވާނީ. އެހެންވީމާ 24 ބޭނުންކަމަށް ވިޔަސް 26 ބޭނުންކަމަށް ވިޔަސް ފުރަތަމަ ކުރަން މިޖެހޭ ކަމަކީ 23 ކާމިޔާބު ކުރުން.“
އެއަށްފަހު ރައީސް އެދިވަޑައިގަތީ ޕާޓީގެ ސީނިއަރ ބޭފުޅުން އެކަމާ ވިސްނެވުމަށެވެ.