ރާއްޖެއަށް ބޭނުންވާ ބަދަލު ގެނެވޭނީ ވެރިކަމުގައި ތިބެވިގެންކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފުވައްމުލަކަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ”އެމްޑީޕީ ކުރިއަށް“ މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މި ކެމްޕޭނަކީ ވަރަށް މުހިންމު ކެމްޕޭނެއް ކަމަށާއި މި ކެމްޕޭނުގެ މުހިންމުކަން ފުވައްމުލަކަށް ވެސް މުޅި ޤައުމަށް ވެސް މުހިންމު ކަމަށެވެ. އަދި މި މަސައްކަތަކީ ރާއްޖޭގައި ސުލްހަޔާއި ހަމަޖެހުމާއި އަމާންކަން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތް ކަމަށާއި, ޚިޔާލު ފާޅުކުރުމާއި, އެއްވެ އުޅުމާއި, ޝުއޫރު ފާޅުކުރުމާއި, ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް ކުރާ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.
”ތަޢުލީމީ ހޭލުންތެރި ޚިދުމަތްތެރި ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތް ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތް. ސިއްހީ ޚިދުމަތް ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުމަށްޓަކައި ކުރާ މަސައްކަތް. އަސާސީ ޚިދުމަތްތަކުން މަހްރޫމުވެފައި ތިބި ދިވެހި ރައްޔިތުންނަށް އެ ރައްޔިތަކު ދިރިއުޅޭ ރަށެއް ނުބަލައި ހަމަހަމަކޮށް އެންމެންނަށް އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މި ކުރާ މަސައްކަތް ދެމެހެއްޓުމަށްޓަކައި ކުރާ ކެމްޕޭނެއް.“
ރައީސް ވިދާޅުވީ މިއީ އެމްޑީޕީގެ ޕްރައިމަރީއެއް ކަމަށްވިޔަސް ވިސްނައި ފިކުރުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި މީގެކުރިން ވެސް ފުވައްމުލަކު ރައްޔިތުންނާއި އެމްޑީޕީގެ މެންބަރުން ކަންތައްތައް ކުރަމުން ގޮސްފައިވަނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށެވެ.
”އެހެންކަމުން މި ޕްރައިމަރީގައި ވެސް އެމްޑީޕީ މެންބަރުން ކަންތައްތައް ނިންމާނީ, ގޮތެއް ނިންމާނީ އަޅުގަނޑު މި ދެންނެވި ކަންތައްތަކަށް ބެލުމަށްފަހު. ފުވައްމުލަކު ސިޓީއަށާއި މުޅި ރާއްޖެއަށް އަޅުގަނޑުމެން މި ގެންނަ އިސްލާހީ ބަދަލުތަކާއި ތަަރައްޤީއާ ހޭލުންތެރިކަމާ މި ކަންތައްތައް ހުއްޓުމަކަށް ގެނެސް ފަހަތަށް ދާނީތޯ ނޫނީ މި ކަންތަކާއިގެން ކުރިއަށްދާނީތޯ މިއީ މިއަދު އަޅުގަނޑުމެން ކުރިމަތީގައި އޮތް ސުވާލެއް.“
”އަޅުގަނޑުމެން މި ބޭނުންވާ ބަދަލު ރާއްޖެ ގެނެވޭނީ އަޅުގަނޑުމެން މި ބޭނުންވާ ތަރައްޤީއާއިގެން ކުރިއަށްދެވޭނީ އަޅުގަނޑުމެންނަށް ވެރިކަމުގައި ތިބެވިގެން. ވެރިކަމަށް އާދެވޭނެ ގޮތާއި މަގު ވަރަށް ސާފުކޮށް މިއަދު އަޅުގަނޑުމެން އެންމެންނަށް އެބަ އެނގޭ.“ އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ވިސްނުމަށްފަހު އެމްޑީޕީއަށް ވެރިކަމަށް އާދެވޭނެ ގޮތަށް ކަންތައް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑު މިހުރީ ތިޔަ ބޭފުޅުންނާއެކު ކުރިއަށްދާން.“
ރައީސް ވިދާޅުވީ މި ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.