ސިޔާސީ މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި ތިބޭ މީހުންނަކީ ރައީސްގެ ނޯކަރުންނެއް ނޫންކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް މިއަދު ގއ.މާމެންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުންފުނިތަކުގެ ވަޒީފާއަށް މީހުން ވައްދާފައި ސަރުކާރުން ވިސްނަނީ އެއީ ނޯކަރުން ކަމުގައެވެ.
”….އޭނާގެ މުހުތާދުތައް ފުއްދައިދޭ ތަނަކީ ސަރުކާރުކަމުގައި ދެކިގެން ސަރުކާރުން ވިސްނާފައި މި ތިބީ މީ ތިމަންނާމެންގެ ނޯކަރުންނޭ. މި ނިޒާމު މާ ރަނގަޅޭ. މީގެން ރައްޔިތަކަށް އަމިއްލަ މިނިވަންކަމެއް ލިބި ޚިޔާލުފާޅުކުރެވި އޭނާ ބޭނުންވާ ގޮތަކަށް އޭނާ ވޯޓުލާން ހުރެއްޖެނަމަ ސަރުކާރާ އެއްކޮޅަށް ވޯޓެއްނުދޭނޭ.“
”މުވައްޒަފުންނަކީ ސަރުކާރުގެ ނޯކިރީންނެއް ނޫން. ސަރުކާރުން ބުނީމަ ބުނާހައި ގޮތެއް ހަދާކަށް ނުޖެހޭ.“
ރައީސް ނަޝީދު ވިދާޅުވީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާއަށް “ހިތަކަށް“ ލިބިދީފައި އޮތް މާއްދާއެއް ނޫން ކަމަށެވެ.
”ސިޔާސީ ނިޒާމު ވަރަށް ސާފު. އެކިއެކި ސިޔާސީ ޕާޓީތައް މި ސަރުކާރު އުފައްދަނީ. ރައީސުލްޖުމްހޫރިއްޔާއަކު އަޅުގަނޑުމެން ކަނޑައަޅަނީ. ރައީސުލްޖުމްހޫރިއްޔާ މި ސިޔާސީ ޕާޓީތަކުގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ސިޔާސީ މަޤާމުތައް އެ ގެންނަނީ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ނޯކިރީންނެއް ނޫން ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނެއް ކުޑަކޮށް ވެސް ޖެހިވަޑައެެއްނުގަންނަވާނެ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުމާ އެއްގޮތްވާކަށް.“
”ޙަޤީޤަތުގައި އަޅުގަނޑު މާ ރަނގަޅު ބުނަން އަޅުގަނޑުގެ ވިސްނުމާ އެއްގޮތްވާށޭ. އެހެނެއް ނުދަންނަވަން.“ ނަޝީދު އިތުރަށް ވިދާޅުވިއެވެ.