ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން މިއަދު ފެނުނު ކިނބޫ ދޫކޮށްލައިފިއެވެ.
މި ކިނބޫ ފެނުނީ ދޯންޏެއްގައި މަސް ބާނަން އެ ސަރަހައްދަށް ނިކުމެ އުޅުނު ބަޔަކަށެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު 12:50 ހާއިރުއެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ދިޔައިރު އެ ސަރަހައްދުގައި މަސް ބާނަން އުޅުނު ދޯނިން އޮތީ ކަންވާރެއްގައި ކިނބޫ ބާނާފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ގޮތުން ސިފައިން ކޯސްޓްގާޑު އުޅަނދަށް އެ ކިނބޫ ނެގި ކަމުގައެެވެ.
އެ ކިނބުލަކީ ދިގުމިނުގައި ގާތްގަނޑަކަށް 6 ފޫޓު ހުރި ކިނބުލެއްކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ކިނބޫ ހިފުމަށްފަހު ހޯރަފުށީގެ ހުޅަނގުން 45 ވަރަކަށް ނޯޓިކަލް މޭލު ބޭރަށް މިހާރު ދޫކޮށްލާފައިވާ ކަމުގައެވެ.