ވެރިކަމަށް ވަޑައިގަތުމަށްޓަކައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއެކު ކޯލިޝަން ހައްދަވާފާނެތީ ބިރުހީވެވަޑައިގަންނަވާ ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވުމުން ރައީސް ނަޝީދު މިއަދު އެ ވާހަކައަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި މާރިޔާ ވިދާޅުވ މިހާރަކަށް އައިސް އިވެނީ ރައީސް ޔާމީނާ އެ މަނިކުފާނާ ”އެއްގޮތް“ ކަމަށް ރައީސް ނަޝީދު ވިދާޅުވާ އަޑު ކަމަށާއި، ”އިންޑިއާ އައުޓް“ ފިޔަވައި ރައީސް ޔާމީންގެ ސިޔާސަތުތައް ކަމުދާ ކަމަށް ވިދާޅުވާ ވާހަކަ ކަމަށެވެ.
”އެ މަނިކުފާނު އެބަދައްކަވާ ކޯލިޝަނެއްގެ ވާހަކަ ވެސް. އެހެންކަމާއެކު މިއަދު އަޅުގަނޑަށް ހަމަގައިމު ވެސް އެންމެ ބިރުހީވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ޔާމީނާއެކީ ކޯލިޝަނެއް ހައްދަވާފާނެތީ.“ މިނިސްޓަރު ވިދާޅުވިއެވެ.
ރިޔާސީ ކެމްޕޭނަށް މިއަދު ގއ.މާމެންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް ނުހިންގައި މިއަދު ހިންގަމުން ގެންދަނީ އިއްތިހާދުގެ ސިޔާސަތުތައް ކަމަށެވެ.
”އިއްތިހާދުވެފައި މިވަނީ މި ޕާޓީއާ އަބަދުވެސް އެކި ގޮތްގޮތުން ރުޅިއަރާފައި ތިބި މީހުންނާ. ރައީސް މައުމޫނާއި އަދާލަތު ޕާޓީ. މި ބޭބޭފުޅުންނަކީ އެއްވެސް އިރެއްގައި އެއްގޮތަކަށް ވެސް އެމްޑީޕީ ފަލްސަފާއެއް ވެސް ވިސްނުމެއް ވެސް ސިޔާަސަތެއް ވެސް ބަލައިގަތް ބައެއްނޫން.“
”އެއްބަޔަކު މި ބުނަނީ ތިމަންނާމެން އުޑު ބޮލަށް ވެއްޓިދާނޭ ބިރު ގަންނަނީ އަޅުގަނޑު ޕީޕީއެމްއާއެކީ ވާހަކަ ދައްކާފާނެތީއޭ. އެއީ ވަރަށް ގޯސް ކަމެއް. އަޅުގަނޑުމެން އިއްތިހާދެއް ހަދައިގެން މި ތިބީ ރައީސް މައުމޫނާ. ދެން އިއްތިހާދުގެ އަނެއް މެންބަރަކީ ޝައިޚް އިމްރާން. ބިރުވެރީ ކޮންކަމެއްތޯ.“ އެ މަނިކުފާނު ވިދާޅުވިއެވެ
ރައީސް ނަޝީދު ވިދާޅުވީ ބިރުވެރީ އެމްޑީޕީގެ ސިޔާސަތެއް ނުހިންގާފާނެތީ ކަމަށާއި, އެ ނޫން އެހެން އެއްވެސް ކަމެއް ބިރުވެރިއެއް ނޫން ކަމަށެވެ. އަދި ބިރުވެރީ ރާއްޖޭގެ ރައްޔިތުންނަށް މިއެދޭ ބަދަލު ނުގެނެސްދެވިދާނެތީ ކަމަށާއި، ބިރުވެރީ ނިކަމެތިކަން ރައްޔިތުންނަށް ފޯރައި, އެ މީހުންނަށް ހަށިފޮޅާލާފައި ނުތެދުވެވޭ ކަމުން ކަމަށެވެ.
”އަޅުގަނޑު ބިރުގަންނަނީ މަހުގެ އަގު 25 ރުފިޔާއަށް ނުއުފުލޭތީ. އަޅުގަނޑު ބިރުގަންނަނީ ތެލުގެ އަގު 19 ރުފިޔާގައި ހުންނާތީ. އަޅުގަނޑު ބިރުގަންނަނީ ރާއްޖޭގައި ބާނާހައި މަހެއް އޭގެ %75 ރޮލާ ތައިލެންޑަށް ފޮނުވާކަމުން. އަޅުގަނޑުމެން އެންމެން ބިރުގަންނާންވީ ވެސް ސަމާލުވާންވީ ވެސް އެންމެ ކަމަކަށް. އެއީ އަޅުގަނޑުމެންނަށް ލިބެން އޮތް ފައިދާއާއި މަންފާ އެ ދޫކޮށްލާފައި އިއްތިހާދުގެ ލީޑަރު އިއްތިހާދު ޕާޓީތައް ރުއްސާންވެގެން މިކުރާ ކަންކަން.“ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެރީ ހީވާގޮތުން ބޮއެގެން