އިންތިޚާބު ކާމިޔާބު ކުރައްވާނެ ފޯމިއުލާ އެނގިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާތީ ރައީސް މުޙައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެެއެވެ.
މި މަހުގެ ހަތަރުވަނަ ދުވަހުގެރޭ މާލޭގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ޞާލިޙް ވަނީ ރައްޔިތުންގެ މަޖިލީހުގެ ފަސް އިންތިޚާބާއި، މިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވެވި ކަމަށާއި އިންތިޚާބު ކާމިޔާބު ކުރައްވާނެ ފޯމިއުލާ އެނގިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.
އޭގެފަހުން އައްޑޫގައި ދެއްކެވި ވާހަކަފުޅެއްގައި ވަނީ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރެއްވޭނެ ކަމަށާއި ސަރުކާރެއް އެއްބުރުން އެކުލަވައިލެވޭވަރުގެ ނަތީޖާއެއް ކާމިޔާބު ކުރެއްވޭނެ ފޯމިއުލާ އެބައޮތް ކަމުގައި ވިދާޅުވެފައެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ގއ.ދާންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ އެއީ ވައްކަން ކުރުމުގެ ފޯމިއުލާތޯ އޮޅުވާލުމުގެ ފޯމިއުލާތޯ މަކަރު ހެދުމުގެ ފޯމިއުލާތޯ ސުވާލު ކުރައްވައިފައެވެ.
”އަޅުގަނޑުމެންގެ ތެރެއިން މި ޕާޓީގެ ވަރަށް ގިނަ މީހުން ވަކިކޮށްފި. އޭގެ އަމާޒަކަށްވެފައި އޮތީ އަނެއް ހީލަތްތެރި ރޭވުން. އަޅުގަނޑު ކަންބޮޑުވަނީ އަޅުގަނޑު އަތުގައި ފޯމިއުލާ އެބައޮތޭ މޮޅުވުމުގެ.. އެއީ ވައްކަން ކުރުމުގެ ފޯމިއުލާތޯ އޮޅުވާލުމުގެ ފޯމިއުލާތޯ މަކަރު ހެދުމުގެ ފޯމިއުލާތޯ ނުވަތަ ރައްޔިތުންނަށް މަޢުލޫމާތުދީގެން މި ބާވަތުގެ ވާހަކަ ރައްޔިތުންގެ ގާތުގައި ދައްކައިގެން ރައްޔިތުން ބަލައިގަންނަ ސިޔާސަތަކީ ކޮބައިތޯ ދެނެގަނެގެން ހުރިހާ އެންމެނަށް ވެސް އަމިއްލަ ޒަމީރުގެ މިނިވަންކަން ލިބިގެން އޭނާ ބޭނުންވެގެން ވޯޓުދޭން ދާ ދިއުމަށް ދޫކޮށްލުންތޯ.“
މީގެއިތުރުން ރައީސް ނަޝީދު މިއަދު ވެސް ވަނީ ވެރިއެއްގެ މުއްފަތުން ލިބޭނީ އެންމެ އެއްޗެއް ކަމަށާއި އެއީ އަޅުވެތިކަން ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައިފައެވެ.
Insaanaku kamakaa dhevi hifiyas midhen bodhuvaru.