އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގޭގައި މޮޑެލް ކުރައްވާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި މިއަދު އަންނަނީ އަދީބު ގޭގައި އިންނަވައިގެން ނަންގަވާފައިވާ ފޮޓޯއެއް ދައުރުވަމުންނެވެ.
ރައީސް މުޙައްމަދު ނަޝީދުގެ ޓްވިޓާ އެކައުންޓެއްކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވިދާޅުވެފައިވާ ”ހަސަން ކުރުސީ“ ގެ ނަމުގައި ހަދާފައިވާ އެކައުންޓުން މިއަދު ވަނީ އަދީބުގެ ފޮޓޯ ހިއްސާކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ފާޑުކިިޔުން އަމާޒުކޮށްފައެވެ.
”އެމްޑީޕީ މެންބަރުން ހުޅުމާލޭ ބެލްކަނިތަކުގައި މިނިވަންކަމާއެކު މޮޑެލް ކުރަމުންދާ އަދީބަށްވުރެ ބޮޑަށް ރައީސް ޔާމީން ދެކެ ރުޅިއެއް ނާދޭ އަދި ނުވެސް އަންނާނެ. އަދީބު އޯކޭއެއް ނޫން“
އެނގިފައިވާ ގޮތުން މާލޭގައި ދިރިއުޅުއްވުމަށްފަހު އަދީބު މިހާރު ހުންނަވަނީ ހުޅުމާލޭ އަމީން އެވެނިއުގެ ފްލެޓެއްގައެވެ. އެ ތަނުގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަނީ ކަރެކްޝަނުން ކަމަށް ބުނެއެވެ.
އަދީބު ގޭ ބަންދަށް ބަދަލުކުރީ މެޝިނެއްގެ އެހީގައި ނިދިކުރައްވަންޖެހޭތީކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައިވެއެވެ. ނަމަވެސް ކަރެކްޝަނުން ފަހުން ބުނި ގޮތުގައި އަދީބު ގެއަށް ބަދަލުކުރީ އެހެންވެއެއް ނޫނެވެ. ބަދަލުކުރީ ޖަލުތަކާއި ޕެރޯލް ޤާނޫނުގެ 82 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނުކުތާގެ ދަށުން ކަމުގައެވެ.
އަދީބު ގެއަށް ބަދަލުކުރުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ މި ސަރުކާރުގެ އިޚްލާަސްތެރިކަމެއް ނެތްކަމަށް ބުނެ އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފައެވެ.