ޙައްޤު ބަޔާންކުރުމުގެ ނަމުގައި އިސްލާމްދީން ބޭނުންކޮށްގެން ސިޔާސީ ފިތުނައާއި ޢަދާވާތްތެރިކަން އުފެއްދުމަކީ ޙައްޤު ބުނެދިނުމެއްނޫން ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެެއެވެ.
ޑރ.ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގައި ޙައްޤަކީ ވަރަށް މަތިވެރި އެއްޗެއް ކަމަށެވެ. އަދި ޙައްޤު ބުނެދިނުމާއި ޙައްޤު ޤާއިމުކުރުން އޮތީ ޢަދުލުވެރިކަމާއި އިހުސާންތެރިކަމުގެ މަތިން ކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.
”ޙައްޤު ބަޔާންކުރުމުގެ ނަމުގައި އިސްލާމްދީން ބޭނުންކޮށްގެން ސިޔާސީ ފިތުނައާއި ޢަދާވާތްތެރިކަން އުފެއްދުމަކީ ޙައްޤު ބުނެދިނުމެއްނޫން. އިސްލާމްދީނުގައި ޙައްޤަކީ ވަރަށް މަތިވެރި އެއްޗެއް. ޙައްޤުބުނެދިނުމާއި ޙައްޤު ޤާއިމުކުރުން އޮތީ ޢަދުލުވެރިކަމާއި އިހުސާންތެރިކަމުގެ މަތިން“ ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް މި ޓްވީޓު އަމާޒު ކުރައްވާފައި މިވަނީ ޑރ.މުޙައްމަދު އިޔާޟް ދެއްކެވި ވާހަކައަކަށް ކަމަށް ބެލެވެއެވެ.
ޑރ.އިޔާޟް މިއަދު ވިދާޅުވީ ބަޔަކު މީހުން ކިތަންމެ ރުޅިއަޔަސް, ކިތަންމެ ޖެއްސުމެއް ކުރިޔަސް, ޙައްޤު ބަޔާންނުކޮށް ތިބުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫން ކަމުގައެވެ. އަދި ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަކީ މި އުންމަތުގެ މީހުން ކުރަންޖެހޭ ކަމެއްކަމަށް ވެސް އިޔާޟް ވިދާޅުވިއެވެ.
”ބައެއް ސަލަފުއް ޞާލިޙުންގެ ކިބައިން ވާރިދުވެގެންވެއެވެ. ޙައްޤު ބަޔާން ނުކޮށް ހުންނަ މީހާއަކީ މަންމަނު ޝައިޠާނެކެވެ. އަދި ބާޠިލް ދިފާޢުކުރާ މީހާއަކީ ވާހަކަދައްކާ ޝައިޠާނެކެވެ.“ އިޔާޟް ވިދާޅުވިއެވެ.
އިޔާޟް ވިދާޅުވީ މީސްތަކުންނަށް މުންކަރާތެއް ފެނި އެކަން މަނާނުކޮށް ތިބެއްޖެނަމަ އެންމެންގެ މައްޗަށް ޢާންމުވެގެންދާ ފަދަ ޢިޤާބެއް ފޮނުއްވުން ގާތް ކަމަށެވެ.
”އެހެން ހަދީސެއްގައި ވެއެވެ. ތިޔަބައިމީހުންނަށް މުންކަރާތެއް ފެނިއްޖެނަމަ އަތުން މަނާކުރާ ހުށިކަމެވެ. އެކަމުގެ ކުޅަދާނަކަން ނެތްނަމަ ދުލުންނެވެ. އެކަމުގެ ކުޅަދާނަކަން ނެތްނަމަ ހިތުންނެވެ. އެއީ އީމާންކަމުގެ އެންމެ ދަަށުދަަރަޖައެވެ.“ އިޔާޟް ވިދާޅުވިއެވެ.