ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިވެވަޑައިނުގަނެ ރިޔާސީ އިންތިޚާބު ކާމިޔާބުނުކުރެއްވެނީތޯ އެ މަނިކުފާނުގެ ވަކީލު ޑރ.މުޙައްމަދު ޖަމީލް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ސުވާލު ކުރައްވައިފިއެވެ.
އަންނަ ރިޔާސީ އިންތިޚާބު ގާތްވެފައިވާއިރު މި ވަގުތު ޖަލުގައި ހުންނެވި ރައީސް ޔާމީނަށް ވަނީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހަނިވެފައެވެ. މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ޙުކުމް މަތީ މަރުހަލާގެ ކޯޓަކުން ބާތިލު ނުކުރާހައ ހިނދަކު އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް ނޯންނާނެއެވެ.
ރައީސް ޞާލިޙަށް ފާޑުވިދާޅުވެ ޑރ.ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ޤާނޫނު ހިންގެވުމުގައި ތަފާތުކުރައްވަނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ. އަދި އެ ގޮތަށް ރައްޔިތުންގެ މެދުގައި ތަފާތު ކުރައްވާ ވެރިޔަކު ރައްޔިތުންގެ ޚާދިމަކަށް ކަމުދާނީ ކިހިނެއްތޯ ވެސް ސުވާލު ކުރެއްވިއެވެ.
”ރައީސް ޞާލިޙް ޤާނޫނު ހިންގުމުގައި ތަފާތުކުރައްވަނީ ކީއްވެތޯ؟ ތި ގޮތަށް ތަފާތުކުރާ ވެރިޔަކު ރައްޔިތުންގެ ޚާދިމަކަށް ކަމުދާނީ ކިހިނެއްތޯ؟ ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރި ނުވެ، އިންތިޚާބު ކާމިޔާބުނުކުރެއްވެނީތޯ.“ ޑރ.ޖަމީލުގެ ޓުވީޓުގައިވެއެވެ.
ދާދިފަހުން ޖަމީލު ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށާއި އިސްތިއުނާފީ ކޯޓްގެ ކުރިމަތީގައި އޮތީ އެތައް ރައްޔިތުންގެ ޙައްޤު ކަމަށް ވިދާޅުވެފައެވެ. އަދި ދާދި އަވަހަށް ރައީސް ޞާލިޙްގެ ވެރިކަން ނިމި، އަނިޔާވެރިކަމުގެ މައްޗަށް ޢަދުލުވެރިކަން ފާޅުވާނެކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
ޔާމީނު އެއީ އެންމެން ދަންނަ ގޮތުގައި ވައްކަން ކޮށްގެން ޖަލަށްލީ މީހެއް ދެން ތިޔަ ވީދެނީ ކީކޭތަ