ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއެކު ކުރައްވާނެ ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފިއެވެ.
އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވަނީ ރައީސް ޔާމީނާއެކު ކުރައްވާނެ ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށާއި އެ މަނިކުފާނު ”އޯކޭއެއް ނޫން“ ކަމަށް ވިދާޅުވެފައެވެ.
އެ ވާހަކަފުޅަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ ރައީސް ޔާމީން ޣައްދާރުންނާ ވާހަކަފުޅެއް ނުދައްކަވާނެ ކަމަށާއި އެ މަނިކުފާނަކީ އެފަދަ ކަމަކަށް އެއްވެސް ޝައުގެއް ގެންގުޅުއްވާ ބޭފުޅެއް ވެސް ކަމަށެވެ. އަދި ރައީސް ޔާމީނާ ވާހަކަ ދެއްކުމުގެ ޝައުގު ގެންގުޅުއްވިޔަސް ރައީސް ޔާމިންގެ ލިސްޓަކު ”މަނިކުފާނެއް ނެތް“ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
”ރައީސް ޔާމިން އޮތީ ޖަލުގެ އޮފިޝަލުންނަށް ވެސް ދަންނަވާފައި ޣައްދާރުންގެ މީހެއް ފޮނުވައިގެން ބައްދަލުކުރަން އަންނަ މީހަކާ ވެސް އެ މަނިކުފާނު ބައްދަލު ނުކުރައްވާނެ ކަމަށް. އަދި އެ ފުރުސަތު ވެސް ނުދެއްވުމަށް.“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ރައްދު ދެއްވާފައިވާއިރު އިދިކޮޅު ލީޑާޝިޕްގެ އެހެން ބޭފުޅުން ވެސް ގެންދަވަނީ ރައީސް ޞާލިޙަށް ރައްދު ދެއްވަމުންނެވެ.