މި ޤައުމުގައި ތިބި ޣައްދާރުންނާއެކު މަސައްކަތް ކުރައްވާކަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ނޫޅުއްވާ ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ރައްދު ދެއްވައިފިއެވެ.
އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވަނީ ކުރީގެ ރައީސް ޔާމީނާއެކު ކުރައްވާނެ ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށާއި އެ މަނިކުފާނު ”އޯކޭއެއް ނޫން“ ކަމަށް ވިދާޅުވެފައެވެ.
”ރައީސް ޔާމީން އޯކޭއެއް ނޫން. އެކީގަ ކުރާނެ މަސައްކަތެއް ނޯންނާނެ.“ ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެކަމަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ މި ޤައުމުގައި ތިބި ޣައްދާރުންނާއެކު މަސައްކަތް ކުރައްވާކަށް ރައީސް ޔާމީން ނޫޅުއްވާ ކަމަށާއި ދުވަހަކު ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް ޔާމީނަކަށް ޣައްދާރުން ”އޯކޭއެއް ނޫން“ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
”ރައީސް ޔާމީން ނޫޅުއްވާ ޤައުމުގައި ތިބި ޣައްދާރުންނާއެކު މަސައްކަތް ކުރައްވާކަށް. އެކަމެއް ދުވަހަކު ވެސް ނުކުރައްވާނެ. ޔާމީންއަކަށް ޤައުމުގެ ޣައްދާރުން އޯކޭއެއްނޫން. ދިވެހި ތާރީޚު މިހާތަނަށް ދުށް އެންމެ ބޮޑު ޣައްދާރަކީ ރައީސް ޞާލިޙް“ އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ކުރިން ވިދާޅުވި ގޮތުގައި އެމްޑީޕީން ރައީސް ޔާމީނަކަށް ހެވެއް ނޭދޭނެއެވެ. އަދި އެއީ ޕީޕީއެމްއަކަށް ވެސް ދިވެހި ރައްޔިތުންނަކަށް ވެސް އޯގާތެރިބައެއް ނޫންކަމަށް އަދުރޭ ވިދާޅުވެފައިވެއެވެ.