އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ”މީސްތަކުން މަގުފުރައްދަން ކުޅުއްވާ ޝައިޠާނީ ގޭމް ކުޅުއްވަމުންދާ ކަމަށާއި އެ މަނިކުފާނު ތައުބާވެވަޑައިގަންނަވަންޖެހޭ ކަމުގައ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ޓްވިޓާ އެކައުންޓެއް ކަމަށް ގިނަ ބަޔަކު ދެކޭ ”ހަސަން ކުރުސީ“ ގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ މިއީ އަފްޣާނިސްތާނެއް ނޫން ކަމަށާއި، މިއީ މޮޑާން ސޮސައިޓީއަކަށް ބަދަލުވަމުންދާ ދިވެހިރާއްޖެއެއް ކަމަށް ބުނެފައެވެ.
”ތި ދެބޭފުޅުން ބޭނުންވާހާ ގޮތަކަށް މީހުންނެއް ނޫޅޭނެ. ވަހުޝީކަމާއެކީގައި ތާކިހާ އަޅާއިގެން ޓުވީޓް ކޮށްލަކޮށްލާ ތިބެންޖެހޭނީ.“ ޑރ.އިޔާޒާއި ޝައިޚް ޢަލީ ޒައިދަށް ޓެގްކުރައްވައި ކުރި އެ ޓުވީޓުގައިވެއެވެ.
އެ ގޮތުން ޑރ.އިޔާޟް ވިދާޅުވީ މިއީ ޤާނޫނީގޮތުން %100 އިސްލާމީ ޤައުމެއް ކަމަށާއި މި ޤައުމުގެ ނަމަކީ ”ދިވެހިރާއްޖެ“ ކަމަށެވެ. އަދި މި ޤައުމުގެ ދީނަކީ އިސްލާމްދީން ކަމަށާއި ނަޝީދު ބޭނުންވާފަދަ ސެކިއުލަރ ޤައުމަކަށް މި ތަނެއް ނުހެދޭނެ ކަމަށެވެ. އަދި އެ ފުރުސަތު ވެސް ލިބުނަކަ ނުދެއްވާނެ ކަމަށް ޑރ.އިޔާޟް ވިދާޅުވިއެވެ.
”ރުޅިއައިސްގެން މަރުވޭ“ ޑރ.އިޔާޟް ވިދާޅުވިއެވެ.
ޑރ.އިޔާޟް އިތުރަށް ވިދާޅުވީ ރައީސް ނަޝީދު ވަގު އެކައުންޓްތައް ހައްދަވައިގެން މީސްތަކުން މަގުފުރައްދަން ޝައިޠާނީ ގޭމް ކުޅުއްވަމުން ގެންދަވާ ކަމުގައެވެ. އަދި ދީނާއި ސިޔާސަތަކީ ވަކި ކުރެވޭނެ އެއްޗެއް ނޫންކަމަށް ވެސް އިޔާޟް ވިދާޅުވިއެވެ.
”ތިޔަކުޅުއްވާ ޝައިޠާނީ ގޭމް ހުއްޓަވާލައްވާ ތައުބާވެލައްވާ.“ އޭނާ ގޮވައިލެއްވިއެވެ.