ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ގެންދަވަނީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުކުރައްވަމުން ކަމަށް ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ މިހެން ވިދާޅުވީ އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
”މިހާ ހިސާބަށް އައިއިރު ރައީސް އިބޫގެ ސަރުކާރުން ކުރަމުން އެދަނީ މި ދެންނެވިހެން އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރަމުން. އަޅުގަނޑުމެން އައީ ޖަޒީރާ ދިރިއުޅުމެއް އަޅުގަނޑުމެން ބޭނުމޭ ބުނަމުން. ކުދިބޮޑު ރަށްތައް ތަފާތުކުރުމެއް ނެތް އެ ރަށްތައް ތަރައްޤީކުރުމަށް އަޅުގަނޑުމެން ވަޢުދުވެގެން. މާލޭގަ މިއޮށް ތޮއްޖެހުމާއި މާލޭގަ އޮތް ބޯހިޔާވަހިކަމަށް ލުޔެއް ގެނެސްދިނުމަށް. މިކަން ކުރަންވެެއްޖެނަމަ އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ކުރަން މި ޖެހެނީ ރާއްޖޭގެ ރައްޔިތުން މާލެއަށް ބަރޯސާވެފައި އޮތް އޮތުން އެ ނެތޭނެ ގޮތެއް ހަދަން.“
މިނިސްޓަރު ވިދާޅުވީ ސަރުކާރުން ކުދިބޮޑު ރަށްރަށުގައި އެންމެހައި އަސާސީ ޚިދުމަތްތައް ގާއިމުކޮށްދެއްވަމުންދާ ކަމަށެވެ. އެ ޚިދުމަތްތަކުގެ ތެރޭގައި ފެނާ ނަރުދަމާގެ ޚިދުމަތާއި, ސިއްހީ ފަރުވާގެ ޚިދުމަތާއި, ތަޢުލީމުގެ ޚިދުމަތާއި، އާރްޓީއެލްގެ ފެރީތަކުން ރަށްތައް ގުޅައިލުމާއި, މަގުތައް ހެދުމުގެ ވާހަކަ މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”މިހެން ގޮސް އެންމެ އަސާސީ ކަންކަން ރައީސް އިބޫގެ ސަރުކާރުން ހުރިހާ ރަށެއްގަ އެ ކުރައްވަމުން ގެންދަވަނީ.“
”ހަމައެކަނި ގޯތި ކަނޑާލައިފައި ފުލެޓު އަޅާފައި މާލެއަށް ދިނެއް ކަމަކު މާލޭގެ ތޮއްޖެހުމާއި މާލޭގަ އެ އޮތް ބޯހިޔާވަހިކަމުގެ ދަތިކަން ފިލައިގެންނެއް ނުދާނެ. ރައީސް ޔާމީން ދެއްކެވި ރާއްޖޭގެ ތިންބައިކުޅަ ދެބައިގެ މީހުން މާލެއަށް ގެންނަ ވާހަކަ.“ މާރިޔާ އިތުރަށް ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ”ރައީސް އިބޫ“ ދެވަނަ ދައުރަކަށް ނުގެނެސްފިނަމަ އޭގެ ހިތިކަން ފެންނާނެ ކަމުގައެވެ. އެހެންކަމުން މި މަހުގެ 28 ވަނަ ދުވަހު އެ މަނިކުފާނަށް ވޯޓު ދެއްވުމަށް ވެސް ގޮވައިލެއްވިއެވެ.
”މުޅި ރާއްޖެއަށް ބަލާލިޔަސް ފެންނަނީ އިބޫ ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރައްވާ ތަން. ރައީސް އިބޫގެ ޒަޢާމަތުގައި ފާގަތި ރާއްޖެއެއް ގާއިމުކުރެވޭނެ.“ މިނިސްޓަރު ވިދާޅުވިއެވެ.