މަރާމާތަށް ފަހު ދިވެހިންގެ ތިއޭޓަރު އޮލިމްޕަސް އަލުން ހުޅުވާއިރު އެންމެ ފުރަތަމަ އަޅުވާ ފިލްމު ”ބީވީމާ“ގެ ޓިކެޓު ވިއްކަން ނެޝަނަލް ސެންޓާ ފޯ އާޓްސް (އެންސީއޭ)އިން މިއަދު ފަށައިފިއެވެ.
ޑާކްރެއިންގެ ”ބީވީމާ“ އަކީ އަހްމަދު ޒަރީރު ލިޔެ ޑައިރެކްޓްކުރާ އޭނާގެ ފުރަތަމަ ފީޗަރ ފިލްމެވެ. މި ފިލްމުގެ ލީޑްރޯލުން ފެނިގެންދަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާއެވެ. މީގެއިތުރުން އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި އައިމިނަތު ރަޝްފާވެސް މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެންދާނެެއެވެ.
އޮލިމްޕަސް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔައީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންގޮސްފައިވަނީ އިމާރާތް މަރާމާތުކޮށް، ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން ޓިކެޓް ކައުންޓަރަށް ބަދަލު ގެނައުމާއި، ހޯލާއި، ކޮރިޑޯއާއި ކެފޭ ސަރަޙައްދާއި އިމާރާތުގެ ބޭރަށްވެސް ވަނީ ބަދަލުތައް ގެނެސްފައިވެއެވެ. އަދި ދެވަނަ ފިޔަވަހީގައި ހިމަނައިގެން އޮލިމްޕަހުގެ ސައުންޑް ސިސްޓަމާއި ޓެކް މަސައްކަތްވެސް ވަނީ ކޮށްފައެވެ. މީގެއިތުރުން މިއުޒިކާއި ޑާންސް ޕްރެކްޓިސް ކުރުމަށްވެސް ބައެއް ްވަނީ ހާއްސަކޮށްފައެވެ.
އޮލިމްޕަހުގައި އެންމެ ފަހުން ފިލްމް ދައްކާފައިވަނީ 2019 ވަނަ އަހަރުއެވެ. ކޯވިޑް ޙާލަތާ ގުޅިގެން 2020 ވަނަ އަަހަރުން ފެށިގެން އޮލިމްޕަސް އޮތީ ބަންދުކޮށްފައެވެ.
އޮލިމްޕަހަކީ ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ މީހުނަށް ވަދެވޭ ސިނަމާއެވެ. އޮލިމްޕަސް ތަރައްޤީކޮށް އެތަނުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، އަދި ފިލްމް އަޅުވަން ފެށީ 1957 އިން ފަށައިގެންނެވެ. އޮލިމްޕަހުގެ ޚިދުމަތަށް 61 އަހަރުވަނީ ފުރިފައެވެ.