ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ހުޅުމާލޭގައި ތަރައްގީ ކުރި ފްލެޓެއް ނިންމާލުމަށްފަހު ފްލެޓުގެ އެތެރެ ހުރި ގޮތް ދައްކާލައިފި އެވެ.
މިއީ ސަރުކާރުގެ ފަހި ދިރިއުޅުން ކޯރޕަރޭޝަންގެ ފަރާތުން އިންޑިއާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި ސަރުކާރުގެ ”ގެދޮރުވެރިޔާ“ ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ 2 ކުންފުނިކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެން.ބީ.ސީ.ސީ ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްޤީކުރަމުންނެވެ.
މި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ޖޭ.އެމް.ސީއާއި ޙަވާލުކޮށްގެން ތަރައްޤީކުރާ ޓަވަރުތަކަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ދީފައިވަނީ ”އަމާން އުދަރެސް“ މި ނަމެވެ. އަދި އެން.ބީ.ސީ.ސީއާ ޙަވާލުކޮށްގެން ތަރައްޤީކުރާ ޓަވަރުތަކަށް ކިޔާނެ ނަންވެސް ވަރަށް އަވަހަށް ހާމަކުރާނެކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.
މި 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދާއިރު، މިތަންތަން ނިމިގެންދާއިރު ހުންނާނެގޮތް ދައްކުވައިދިނުމަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ވަނީ ”އެކްސްޕީރިއަންސް ޔުނިޓް“ގެ ގޮތުގައި 2 ޔުނިޓެއް އާއްމުން ދައްކާލުމަށްޓަކާ ތައްޔާރުކޮށްފައެވެ.
މި 2 ޔުނިޓް ތައްޔާރުކޮށްފައިވަނީ ޖޭ.އެމް.ސީއިން މަސައްކަތްކުރަމުންދާ ޓަވަރުތަކުގެ ތެރެއިން 12 ވަނަ ޓަވަރުގައެވެ. ”އެކްސްޕީރިއަންސް ޔުނިޓް“ގެ ގޮތުގައި ތައްޔާރުކޮށްފައިވަނީ 3 ކޮޓަރީގެ 2 ޔުނިޓެކެވެ. މިއީ އާއްމުންނަށް މިތަންތަން ނިމޭއިރު ހުންނާނެގޮތް ދައްކާލުމުގެ ބޭނުމުގައި ތަނަވަސްކޮށްދޭ ފުރުޞަތެއްކަމަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ވިދާޅުވެއެވެ. އެގޮތުން މި 2 ޔުނިޓުގައި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރު ސެޓާއި، އެނޫންވެސް ތަކެތި ބަހައްޓާފައިވެއެވެ.
މި އެކްސްޕީރިއަންސް ޔުނިޓްތަކާއި، މި މަޝްރޫޢުގައި ހިމެނޭ ޓަވަރުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވަނީ ބައްލަވާލައްވާފައެވެ. މި 2 ޔުނިޓްވެސް ތައްޔާރުކޮށްފައިވަނީ އެތަނަށް ބޭނުންވާ ހުރިހާ ފަރުނީޗަރަކާއި އެހެނިހެން ވަޞީލަތްތަކާވެސް އެކުގައެވެ. މިތަންތަން އާއްމުންނަށް އާއްމުކޮށް ދައްކާލުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ވިދާޅުވެއެވެ.