ސްޕެއިންގެ މެޑްރިޑުގައި ކުރިއަށްދާ ފިތޫރު ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
ފަތުރުވެރިކަމުގެ ކޮންސިއުމަރުން އަދި ޓްރެވެލް އެންޑް ޓްރޭޑް ޕާޓްނަރުން އެއްތަނަކުން ބައްދަލުވާ ދުނިޔޭގެ އެންމެ ބޮޑު އެއް ފެއަރ ކަމަށް ވާ ފިތޫރު 2023 ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ 23 ކުންފުންޏަކުން 41 ފަރާތެއްވަނީ ބައިވެރިވެފައެވެ.
މިމަމަހުގެ 18 އިން 22 އަށް ކުރިއަށްދާ ފިތޫރު ފެއަރއަކީ މިއަހަރު ރާއްޖެއިން ބައިވެރިވާ އެންމެ ފުރަތަމަ ބޮޑު ޓްރެވަލް ޓްރޭޑް ފެއަރއެވެ.
ފިތޫރް އަކީ ޓްރެވެލް އެޖެންސީ ތަކާއި، ހޯލްސޭލަރުންނާއި ހޮޓެލްތަކާއި އެކޮމަޑޭޝަންތަކާއި އެއަރލައިންތަކާއި ފަތުރުވެރިކަމުގެ ލެޝަރ އަދި ކަލްޗަރަލް އެކްސްޕީރިއަންސްތައް ފޯރުކޮށްދޭ ފަރާތްތަކާއި މަންޒިލްތަކާއި މިދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރާ ފަރާތްތަކާއި ސްޕެއިންގެ ރަސްމީ ޖަމިއްޔާތަކާއި ޓްރެވެލް މީޑިއާތައް ބައިވެރިވާ ފެއަރ އެކެވެ.
މިއީ ވިޔަފާރީގެ ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދޭ ފެއަރ އަކަށްވާއިރު މި ފެއަރ އަށް ފަތުރުވެރިކަމުގެ ހިދުމަތްތައް ގަންނަން ބޭނުންވާ ފަރާތްތަކާއި އިންފްލުއެންޝަރުންނާއި މާކެޓް ޕްރޮފެޝަނަލުން ޒިޔާރަތް ކުރެއެވެ.
ފިތޫރް 2023 ގައި އެމްއެމްޕީއާރުސީއިން ބައިވެރިވުމުގެ މަގްސަދުގެ ތެރޭގައި ސްޕެއިންގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ އުފެއްދުންތަކާއި މަންޒިލުން ލިބޭ ތަޖުރިބާތަކާއި ބެހޭ ގޮތުން ހޭލުންތެރިކަން އުފެއްދުމާއި ސްޕެއިންގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ އުފެއްދުންތަކާއި މަންޒިލުން ލިބޭ ތަޖުރިބާތަކާއި ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމާއި ސްޕެއިންގެ ޕްރޮފެޝަނަލުންނާ ގުޅުން ބަދަހިކުރުން ހިމެނެއެވެ.
ފިތޫރު 2023ގެ ތެރޭގައި ރާއްޖޭގެ ސްޓޭންޑްގައި އެމްއެމްޕީއާރުސީގެ ފަރާތުން ހިންގަން ހަމަޖެހިފައިވާ މުހިއްމު ހަރަކާތްތަކުގެ ތެރޭގައި ނަސީބުވެރި ހަތަރު ފަރާތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭ ހާއްސަ ގުރުއަތެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މިގުރުއަތުގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ކޮންސިއުމަރުންނާއި ޓްރެވެލް ޕްރޮފެޝަނަލުންނަށް ބައިވެރިވެވޭނެއެވެ. މި ހަރަކާތް ކުރިއަށް ގެންދާނީ ފެއަރގެ އެއްވަނަ ދުވަހާއި ތިންވަނަ ދުވަހުގެ އިތުރުން ހަތަރުވަނަ އަދި ފަސްވަނަ ދުވަހުއެވެ. އަދި މިއިން ކޮންމެ ދުވަހަކު ހޮވާނީ އެއް ނަސީބުވެރިއެކެވެ.