ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާ އޯޕީޑީ އިމާރާތް ނިމިއްޖެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އާ އޯޕީޑީ އިމާރާތް ހެދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަސައްކަތް ނިންމާ އިމާރާތް ހޮސްޕިޓަލާއި ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ. ހޮސްޕިޓަލުގެ ފަރާތުން އިމާރާތާއި ހަވާލުވީ ހޮސްޕިޓަލުގެ ސީއީއޯ އަހުމަދު ދާއޫދު އެވެ.
މި މަޝްރޫއުގެ ދަށުން 21 ކޮންސަލްޓޭޝަން ކޮޓަރި އާއި ކާޑިއެކް ސެންޓަރަކާއި ރިސެޕްޝަން އޭރިއަކާއި ވެއިޓިން އޭރިއާއެއް ހަދާފައިވެ އެވެ. މިއީ 20.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި އިމާރާތުގެ ސަބަބުން އެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ހޮސްޕިޓަލުން މިހާރު ދޭ ހިދުމަތްތައް އިތުރަށް ފުޅާ ވުމުގެ އިތުރުން ބަލި މީހުން ބެލުމަށާއި، ހިދުމަތް ހޯދާ ރައްޔިތުންނަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެން ދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.