މާލޭގެ ރައްޔިތުންނަށް ބިން ކަނޑައި ގޯތި ދޭނީ އެމަނިކުފާނު ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި މިރޭ ބާއްވަމުންދާ ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ވެސް ރައީސް ޞާލިޙް ވަނީ މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު މައްސަލައަކަށްވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުވައިލައްވާފައެވެ.
”ކުޑަވެސް ޝައްކެއް ނުބާއްވާ. މާލެ ތޮއްޖެހި މާނޭވާ ހަމަނޭވާއަށް ފެއްތުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. އަނެއްކާ ވެސް ސާފުބަހުން ދަންނަވަން މާލޭގެ ރައްޔިތުންނަށް ބިން ކަނޑައި އިން ވަކިކޮށް ގޯތިދޭނީ އަޅުގަނޑު.“
”ދައުރެއްގެ ތެރޭގައި މާލޭގައި ބިންގަލުން ފަށައި ނިންމާ ފުލެޓުގެ ތަޅުދަނޑި އަތަށްދޭނީ އަޅުގަނޑު.“ އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
މީގެކުރިން ވެސް އެތައް ފަހަރަކު ރައީސް ޞާލިޙް ވަނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނެސް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވާ ގޮތުން ވޯޓާ ދިމާކޮށް ގޯތީގެ ވާހަކަ ދެއްކެވުމަކީ ރިޝްވަތުދޭނެ ކަމަށް ވިދާޅުވުން ކަމަށެވެ.