ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ފެށޭ ހަފުތާގެ ތެރޭގައި ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
މި ވަގުތު މާފުށީ ޖަލުގައި ޔާމީން ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ.
އެ ހުކުމާ ގުޅިގެން އޮތް ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ޖަމީލް ވިދާޅުވީ ޔާމީންގެ މައްސަލަ ނިމުމާ އެކު ކޯޓުން އަމަލުކުރި ގޮތަކީ ވެސް މިހާ ހިސާބަށް އައިއިރު ރާއްޖޭގައި ޖިނާއީ މައްސަލައެއްގައި ފެނިފައި ނުވާ ކަންތައްތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނު ބުނާ ގޮތުން އެ އިއްވާ ހުކުމް މައްސަލައިގެ ހަސްމުންނަށް ދޭން ޖެހޭ ކަމަށާއި އެކަމަކު އެ ދުވަހު ފެނިގެންދިޔައީ އެމަނިކުފާނުގެ ލޯޔަރުން މުޅި ދުވަހުގެ ކޯޓުގައި ތިބެ، އެ ރިޕޯޓު ހޯދުމަށް ގުޅައި ހެދި މަންޒަރު ކަމަށެވެ. އެއީ ވަގުތުން ދޭން ޖެހޭ ރިޕޯޓެއް ނަމަވެސް ކޯޓުން އެގޮތަށް އަމަލު ނުކުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މައްސަލައިގެ ތަފުސީލީ ރިޕޯޓުތަކާއި މަހުޟަރު ބަޔާންތައް އިދިކޮޅަށް ދީފައިވާއިރު އެ ރިޕޯޓުތަކަށް ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޖަމީލް ވިދާޅުވީ އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށްޓަކައި އެ ރިޕޯޓުތަކާއި ބަޔާންތައް ވަރަށް ބޮޑަށް ދިރާސާ ކުރަން ޖެހުނު ކަމަށެވެ.
”އެއީ ވަރަށް އާދަޔާ ޚިލާފަށް ނިންމާފައިވާ ރިޕޯޓެއް. މި ރިޕޯޓު ވަރަށް ރަނގަޅަށް ދިރާސާ ކޮށްފަ، އޭގަ ހުރި ކަންތައްތަކާ އެކީގައި އިސްތިއުނާފަށް ހުށަހެޅިގެންދާނީ. އެ މަސައްކަތް މިހާރު ވަނީ ނިމުމުގެ މަރުހަލާގައި. ފެށޭ ހަފުތާގެ ތެރޭގައި އިސްތިއުނާފަށް ހުށަހެޅޭނެ ކަމަށް މި އުއްމީދު ކުރަނީ،“ ޖަމީލް ވިދާޅުވިއެވެ.
އެ މައްސަލަ އިސްތިއުނާފު ކުރަން ދިފާއަށް 60 ދުވަހުގެ މުއްދަތެއް ލިބިދީފައިވާއިރު އެ މުއްދަތް ހަމަވާން އަދި ކައިރިވެސް ނުވެއެވެ. ނަމަވެސް އިސްތިއުނާފު ލަސްވުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އިސްތިއުނާފީ މަރުހަލާ ނުނިމިދާނެތީއެވެ.
ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުވެސް ހައިކޯޓުން ނިމުނީ އަހަރެއްހާ ދުވަހުންނެވެ. އެހެންވެ، ރިޔާސީ އިންތިޚާބުގެ ކުރިން މި މައްސަލައިގެ އިސްތިއުނާފު ނުނިމިދާނެ ކަމުގެ ބިރު ބޮޑެވެ.