މިއަދުގެ ޚުތުބާގައި ބުނިގޮތުގައި މައިންބަފައިންނަށް މާތްކޮށް ހިތުމަކީ ދަރިންގެ މައްޗަށް ވާޖިބުވާ ކަމެކެއެވެ.
ޚުތުބާގައި ބުނީ އިންސާނީ ނަސްލު ދެމިއޮތުމަށްޓަކައި މާތްﷲ މެދުވެރިކުރައްވާފައި ވަނީ މައިންބަފައިން ކަމަށެވެ. އެހެންކަމުން ﷲއަށް އަޅުކަން ކުރުމަށް ގޮވާލެއްވި އަމުރުފުޅާ ވިދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަންގަވާފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.
”ކީރިތިވަންތަ ﷲއަށްފަހު މައިންބަފައިންނަށް ވުރެ ތިބާއަށް ވަކިން ބޮޑު ހެޔޮކަމެއް ކޮށްދިން އެއްވެސް ބަޔަކު ނެތް. ނަމަވެސް އޭގެ ތެރެއިން ވެސް މަންމަގެ ހައްގު ތިބާގެ މައްޗަށް ބޮޑުވެގެން ވޭ،“ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނިގޮތުގައި މައިންބަފައިންނަށް މާތްކޮށް ހިތުމަކީ ދަރިންގެ މައްޗަށް ވާޖިބުކަމެކެވެ. އަދި އެމީހުންނަށް އިހާނެތިކޮށް ހިތުމުން އާޚިރަތް ދުވަހުން ލިބޭ އަޒާބުގެ ކުރިން ދުނިޔެމަތީގައި ވެސް އެކަމުގެ އުގޫބާތް ލިބޭނެކަމަށް ޚުތުބާގައި ބުންޏެވެ.
”ދަރީންގެ މައްޗަށް ބައްޕައިންގެ ހައްގު ވެސް ވަކި ކުޑައެއް ނޫން. އާއިލާ ބެލެހެއްޓުމަށް ބުރަ މަސައްކަތް ކުރުމާއި ދަރީންނަކީ ހެޔޮލަފާ ބަޔަކަށް ހެދުމަށް ހޭދަކުރާ ވަގުތާއި ފައިސާ އަކީ ވަރަށް އިޚުލާސްތެރި މަގުސަދެއްގައި ކުރާ ހޭދައެއް،“ ޚުތުބާގައި ބުންޏެވެ.
މައިންބަފައިން ދަރީންގެ ކިބައިން އެދެނީ އެ މީހުންނަކީ ލަފާދާރު، ކިޔަމަންތެރި އަދި ޞާލިޙު ބަޔަކަށް ވުމަށް ކަމަށާއި މައިންބަފައިންގެ ހައްގުތައް ދަންނަ، އެ ހައްގުތައް އަދާކުރާ އޯގާތެރި ބަޔަކަށް ވުމަށް ކަމަށް ޚުތުބާގައި ބުންޏެވެ.
ނަމަވެސް މިހާރު ބައެއް ކުދިން އެމީހުންގެ މައިންބަފައިންނަށް ގޯސްކޮށް ހިތާ ކަމަށާއި އެއީ މުޅިން ހަރާމް ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. މައިންބަފައިން ދުވަސްވުމުން އެމީހުންނަށް އިތުރަށް އޯގާވެރިވެ ހެޔޮކޮށް ހިތުމަކީ ކޮންމެ ދަރިއެއްގެ ވާޖިބެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނިގޮތުގައި މައިންބަފައިންނަކީ ޣައިރު މުސްލިމުން ކަމުގައި ވީނަމަވެސް އެމީހުންނަށް ވެސް ކަމޭހިތުމަށް އިސްލާމްދީނުގައި އަމުރުކުރާ ކަމަށެވެ.
އިސްލާމްދީނުގައި އަންގަވާފައިވަނީ މައިންބަފައިންގެ ކުރިމަތީގައި ހަރުއަޑުން ބަހެއް ވެސް ނުބުނުމަށް ކަމަށާއި މައިންބަފައިންނަށް އަދަބު އިޚުތިރާމު އަދާކުރުމުގެ ގޮތުން އެބައިމީހުންގެ ކުރިމަތީގައި ނިކަމެތިވުމަށް އަންގާފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.
މައިންބަފައިން ދުނިޔެ ދޫކުރުމަށް ފަހު ވެސް އެބައިމީހުންނަށް ހެޔޮ ދުއާ ކޮށްދިނުން މަތީ ދެމިތިބުމަށާއި އެމީހުންގެ ގާތް ރަހުމަތްތެރިންނާއެކު ގުޅުން ބޭއްވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.