މީގެކުރިން ފެނިގެންދިޔަ ޚުދުމުހުތާރު ވެރިކަމުގެ ތެރޭގައި ވޯޓު އެނބުރުމަށްޓަކައި ފޯރުވަމުން ގެންދިޔަ ނުފޫޒު އަނެއްކާ ވެސް އެމްޑީޕީގެ ސަރުކާރެއްގައި ފެންނަކަމީ ހިތާމަހުރި ކަމެއް ކަމަށް ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ގދ.ތިނަދުއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައި ޚުދުމުހުތާރު ވެރިކަން ބަދަލުކުުރުމަށް ނުކުތް ޕާޓީ ކަމަށާއި އެ ގޮތުން 2008 ގައި އެކަން ބަދަލުވި ކަމަށެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ އަމިއްލަ ހާލަތު ރަނގަޅުވާން އޮތީ ކޮންމެވެސް ވަޒީރު ބޭފުޅަކަށް ނޯކިރީ ކޮށްދީގެން ކަމަށް މިއަދު ބައެއް މީހުން ދެކެމުންދާ ކަމަށާއި އެއީ ކުށްހީއެއް ކަމަށެވެ.
”އަޅުގަނޑުމެންގެ އަމިއްލަ ހާލަތު ރަނގަޅުކުރަން ބޭނުންވަނީ ތިމާގެ ޝަޚުސިއްޔަތު އަމިއްލަ ޒަމީރު ތިމާއަކީ ތިމާއަށް ކާކުކަން އެނގި ތިމަންނާ ބޭނުންވާ ގޮތަށް ތިމަންނާގެ ވިސްނުން ބަހައްޓައި. ޚާއްސަ ގޮތެއްގައި ވޯޓުދިނުމަކީ އެހެން މީހަކާ ގުޅުންހުރި ކަމެއް ނޫންކަމަށް ދެކެވޭ ރައްޔިތެއް އުފެއްދުން އެއީ އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކަށް ވާން ވީ. ޚުުދުމުޚުތާރު ވެރިކަމުގެތެރޭގައި ސަރުކާރުން ރައްޔިތުންގެ މައްޗަށް ފޯރުވަމުން ގެންދިޔަ ނުފޫޒު, ވޯޓު އެނބުރުމަށްޓަކައި ފޯރުވަމުން ގެންދިޔަ ނުފޫޒު އަނެއްކާ ވެސް އަޅުގަނޑުމެންގެ ސަރުކާރެއްގައި ފެންނަ ތަން މީ ހިތާމަވެރި މަންޒަރެއް.“
ނަޝީދު ވިދާޅުވީ އަލުން އަނބުރާ އެ އަނިޔާވެރި ދުވަސްތަކުގެތެެރެއަށް ދެވޭކަށް ނެތް ކަމަށެވެ. އަދި އެމްޑީޕީއަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުތައް ގާއިމުކޮށް ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރަން ވަކާލާތުކުރާ ބައެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ބަލިވާނެކަން ޔަގީން ވީވަރަކަށް ދެން ތިހެން ކިޔަން ފަށާށެވެ. ހެހެހެހޭ!
ހުރިހާމީހުންގެ ވޯޓް އަނބުރާލަންވީ ރައީސް އިބުއަށް އަދި އެމްޑީޕީ އަށާއި މުޅި ގައުމަށް މަލްޓިޕާޓީ ޑިމޮކްރަސީ އައިފަހުން ލިބޭ ދުސްތޫރީ ރަންތާޖު ހާސިލުވާނީ އޭރުން