އިންޑިއާއަށް އެމެރިކާގެ ސަފީރަކު ކަނޑައަޅައި ސަފީރުކަމުގެ މަގާމުގައި ބޭފުޅަކު ނުހުންނަވާތާ މިހާރު ދެ އަހަރު ވެއްޖެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާގެ ސަފީރަކު ނެތް ދުނިޔޭގައި އޮތް ހަމައެކަނި ގައުމަކީ އިންޑިއާ އެވެ.
އިންޑިއާގެ ފޮރިން އޮފީހުގެ ވަރަށް އިސް ބޭފުޅަކު ނިއުދިއްލީން ފޯނުން ޕާކިސްތާނުގެ ”ޖަންގް“ ނޫހާ ވާހަކަދައްކަވަމުން ވިދާޅުވީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން އިންޑިއާގެ ސަފީރު ކަމަށް އެރިކް ގާސެޓީ ހަމަޖައްސަވަން ނިންމަވާފައިވާކަމަށެވެ. އޭގެ ކުރިން ސަފީރުކަމުގެ މަގާމުގައި ހުންނެވި ކެނެތު ޖަސްޓާ ވަނީ ދައުރު ނިމުނުމުން، އިންޑިއާއިން އެނބުރި ވަޑައިގެންފަ އެވެ. ނަމަވެސް 2 އަހަރު ފާއިތުވެގެން ދިޔައިރުވެސް އެމެރިކާގެ ސަފީރެއް އިންޑިއާގައި ނެތެވެ.
އިންޑިއާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ކަންތައްތައް ހިންގަވައި ބަލަހައްޓަވަނީ ވެރިރަށް ނިއުދިއްލީގައި ހުންނަވާ އެމެރިކާގެ ޗާޖް ޑި އެފެއާޒްއެވެ. އޭނާ އެމެރިކާ ތަމްސީލު ކުރައްވާއިރު ޑިޕްލޮމެޓިކް ޑިއުޓީތައް އަދާކުރެއްވުމަށް އެރިކް ގާސެޓީ އަދި ނިއުދިއްލީއަށް ފޮނުއްވާފައެއް ނުވެ އެވެ.
އިންޑިއާގެ ފޮރިން އޮފީހުގެ އޮފިސަރަކު ވިދާޅުވީ އިންޑިއާގައި އެމެރިކާގެ ދާއިމީ ސަފީރަކު ނެތުމުގެ ސަބަބުން އިންޑިއާ އާއި އެމެރިކާގެ ގުޅުން ރަނގަޅުވުމުގެ ދުވެލި މިހާރު ވަރަށް ލަސްވެފައިވާ ކަމަށެވެ.
ދެކުނު އިރުމަތީ އޭޝިއާގެ ކަންތައް ބެލެހެއްޓުމަށް އެމެރިކާއިން ކަނޑައަޅާފައިވާ ”ސަފީރަކީ“ އިންޑިއާއެވެ.